ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކު ނުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ. ފުލުހުން މިގޮތަށް އިލްތިމާސްކުރެއްވީ ޤަވާއިދާ ޚިލާފަށް އެސަރަހައްދުގައި އުޅަނދުތައް ޕާކުކުރާ މައްސަލައާއި ގުޅިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރައްވާ އެންމެހާ ރައްޔިތުން، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އަދި ޓެކްސީތައް ކައިރި ކުރުމަށް ދަތިވާ ގޮތަށް، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނަގައި، އެ ސަރަހައްދު އަލުން އިންތިޒާމުކުރެވި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްފަކަމަށެވެ.
ގިނަ ބަޔަކު ބޭނުންކުރާ މިފަދަ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކު ނުކުރެއްވުމަށް ފުލުހުން ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ، މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ދެކެވެއެވެ.
...މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރައްވާ ރައްޔިތުންނަށް ދަތިވާ ގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނަގައި، އެ ސަރަހައްދު އަލުން އިންތިޒާމުކުރެވި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ވަނީ ތަނަވަސްވެފައި. pic.twitter.com/0quDGrA3Tb
— Maldives Police (@PoliceMv) May 3, 2025
ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުންވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.