ޚަބަރު

މަސްތުގެ ހާލަތުގައި ހުޅުމާލޭގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ މުޙައްމަދު މާއިސް

ހުޅުމާލޭގައި މަސްތުގެ ހާލަތުގައިހުރެ ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފަިވަނީ،، ކާރު ދުއްވި ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، މުޙައްމަދު މާއިސް (23އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވިގެން، ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަމަށެވެ.

މި މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި، މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަންޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކާރު ހުއްޓުވިއިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތްކަމަށާއި، ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިންކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުންވެސް ކާރަށް އިތުރު ގެއްލުންވެސް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު މާއިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، ކާރު ޓޯވކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.