ޚަބަރު

"ތަޢުލީމީ ދާއިރާއިން ފެށުމަށް ރާވާފައިވާ މަޝްރޫޢުތަކުގެތެރޭގައި ކެޔޮދޫ ސްކޫލްގެ މަސައްކަތްވަނީ ހިމަނާފައި"


  • 2023 އަދި 2024 ވަނަ އަހަރުގެ ބަޖެޓްގައިވެސް މަޝްރޫއު ހިމެނުނު

  • މަޝްރޫއު ކުރިއަށް ނުގެންދެވުނީ ބަޖެޓްގައި ފައިސާ މަދުން ހިމަނާފައި ވުމުން

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ތަޢުލީމީ ދާއިރާއިން ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން އެކި ރަށްރަށުގައި ފެށުމަށް މިހާރު ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ވ.ކެޔޮދޫ ސްކޫލުގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް ހިމަނާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު އިސްމާޢީލް ޝަފީޢު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދުވަނީ 2024 ވަނަ އަހަރު ފާސްކުރި ދައުލަތުގެ ބަޖެޓްގައި ވ. ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތާއި ވަށާފާރު ރޭނުމަށް ހިމަނަފައިވީނަމަވެސް މަޝްރޫޢުގެ މަސައްކަތް ނުފެނެށީ ކީތްވެތޯއާއި މަޝްރޫގެ އަމަލީ މަސައްކަތް ފެށޭނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ، ވ. ކެޔޮދޫ ސްކޫލްގައި 4 ބުރީގެ އިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި 1.5 މިލިޔަން ރުފިޔާ އަދި 2024 ވަނަ އަހަރުގެ ބަޖެޓްގައި 2.019 މިލިޔަން ރުފިޔާ ހިމަނާފައިވާކަމަށެވެ. އަދި މިމަޝްރޫއަކީ ޖުމްލަ 20 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަވާ މަޝްރޫއެއްކަމަށެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރުގައި މި ޕްރޮޖެކްޓް ފޯމިއުލޭޓްވީއިރުވެސް ބަޖެޓްގައި ހިމަނުއްވާފައި އޭރުވަނީ ޕްރޮޖެކްޓަށް ބޭނުންވާ %15 ފައިސާ ނުހިމަނައިކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލިއިރުވެސް ބީލަމަށް ހުޅުވާލައި ކޮންޓްރެކްޓަރެއް ހޮވިގެން ކޮންޓްރެކްޓަށް ދޭންވާ %15 ފައިސާ މަދުކަމަށް ވިދާޅުވިއެވެ. މިމަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވަނީ މިސަބަބަށްޓަކައިކަން ފާހަގަކުރައްވަމުން ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން މިހާރު ފެށުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ކެޔޮދޫ ސްކޫލްގެ މަސައްކަތް މިހާރު ހިމަނާފައިވާކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ވަރަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓްސްތައް ފެށިފައިވުމާއެކު ނަމެއްގައި ޕްރޮޖެކްޓްތައް ނުފައްޓަން. މިގޮތަށް %15 ނުހިމެނިވާ އެއްވެސް ޕްރޮޖެކްޓެއް މިދިޔަ އަހަރު އަޅުގަނޑުމެން ނުފައްޓަން ހަޤީގަތުގައި. އެގޮތުގެ މަތިން ޕްރޮޖެކްޓް ހުއްޓިފައިވަނީ. ސަބަބަކީ ކުރިން މިދެންނެވި %15 ވާ ފައިސާ ބަޖެޓްގައި ހިމެނިފައި ނެތުން. އެހެންނަމަވެސް ހުއްޓިފައިވާ ޕްރޮޖެކްޓްސްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުން އެކި ރަށްރަށުގައި ފެއްޓުމަށް ރާވާފައިވާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި މި ޕްރޮޖެކްޓް މިހާރު ހިމެނިފައިވާވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން." ވަޒީރު ވިދާޅުވިއެވެ.

ތައުލީމީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސްކޫލްތައް ފިނި ކުރުމަށް ހިންގާ " ކޫލް ސްކޫލް" ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ތެރޭގައި ސްކޫލްތަކުގެ ކަރަންޓް މައްސަލަތައްވެސް ފާހަގަކުރެވެމުން އަންނަ ކަމަށެވެ. އަދި މިޕްރޮގްރާމް ކުރިއަށްދާއިރު ކަރަންޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.