ޚަބަރު

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި


  • ރައީސް ވަނީ ޗައިނާގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައި

  • ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވި

  • ރާއްޖެއިން ޗައިނާއާއެކު ޚާރިޖީ ގުޅުން ޤާއިމުކުރީ 1972ގައި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކޮންގް ޒިއަންހުއާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ މަސްލަހަތު ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ބޭނުންވާ ކަންކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.