ޚަބަރު

އެމްއެންޔޫ ތިނަދޫ ކެމްޕަސް ތަރައްޤީކުރުމަށް އެމްޓީސީސީއިން ތައްޔާރުވެއްޖެ


  • ދަރިވަރުންނަށާއި މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި

  • މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި 3 މަޝްރޫއަކަށް ބަހައިލައިގެން

ތިނަދޫ ސިޓީގައި ހުންނަަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއިން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ތިނަދޫ ސިޓީގައި ހުންނަަ އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެމްއެންޔޫ ތިނަދޫ ކެމްޕަސް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި 3 މަޝްރޫއަކަށް ބަހައިލައިގެންނެވެ. އެގޮތުން ފުރަތަމަ މަޝްރޫޢުގެ ދަށުން ކެމްޕަހުގައި 3 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ މަޝްރޫޢުގެ ދަށުން ދަރިވަރުންނަށް ޚާއްޞަކޮށްގެން 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންނަށް ޚާއްޞަކޮށްގެން 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމެވެ.


އެމްޓީސީސީން ވިދާޅުވީ، ދަރިވަރުންނަށް ޚާއްޞަކޮށްގެން އިމާރާތްކުރާ އެކޮމޮޑޭޝަން ބްލޮކުގައި 31 ކޮޓަރި އަދި ލޯންޑްރީއެއްވެސް ހުންނާނެކަމަށެވެ. އަދި މުވައްޒަފުންނަށް ޚާއްޞަކޮށްގެން އިމާރާތްކުރާ އެކޮމޮޑޭޝަން ބްލޮކުގައި 7 ކޮޓަރީގެ އިތުރުން ކެފޭއެއްވެސް ހުންނާނެކަމަށެވެ.

ތިނަދޫ ސިޓީގައި ހުންނަ އެމްއެެންޔޫ ކެމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދެވެން ފެށުމާއެކު، އެރަށުގެ ރައްޔިތުންނަށް ތަޢުލީމީ އަދި އިޖްތިމާޢީ ގޮތުން ގިނަ ފަސޭހަތަކަކާއި މަންފާތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އެމްޓީސީސީއަކީ އެ ކުންފުނި އެފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ 44 އަހަރުތެރޭގައި އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.