ކުޅިވަރު

ވައި.ޕީ ވެޓަރަންސް ފުޓްސަލް: އޯލްޑް ސްޓަރސް ބަލިކޮށް އަފީންސް ފައިނަލަށް


ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ރިލެކްސް ފެރީ ސަރވިސް ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ފައިނަލް ޕްލޭ އޯފް މެޗަށް އާރް.ކޭ އާއި ކޭ.ކޭ ކަނޑުމަތި ކޮލިފައިވެއްޖެއެވެ.

ކޭކޭ ކަނޑުމަތި ޕްލޭ އޯފް ޔަގީން ކުރީ ރޭ ކުޅުނު މެޗުން އޯލްޑް ސްޓަރސް އަށް ނަތީޖާއެއް ނުނެރެވުމުންނެވެ. އަފީންސް އާއި ބައްދަލުކުރި މިމެޗުން އޯލްޑް ސްޓަރސް ބަލިވީ 4-2 ކުންނެވެ. މިމެޗާ ކުރިމަތިލިއިރު އޯލްޑް ސްޓަަރސްއަށް މެޗު ކާމިޔާބުކޮށް ސީދާ ފައިނަލްގެ ޖާގައެއް ޔަގީންކުރެވެން އޮތް އިރު މެޗުން ޕޮއިންޓެއް ހޯދައިގެންވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ މަގު އޮތީ ހުޅުވިފައެވެ.
އެހެންނަމަވެސް މެޗަށް އައި އިރުވެސް ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އަފީންސް ވަނީ މެޗު މާބޮޑު އުނދަގުލަކާ ނުލާ ކާމިޔާބުކޮށް ކުޅުނު 4 މެޗުން 10 ޕޮއިންޓް ހަމަކޮށް ލީގު ބުރުގެ އެއްވަނައާއެކު ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައެވެ.

މިމެޗުގައި އަފީންސްގެ 4 ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މީގެއިތުރުން ގޯލްތައް އަފީންސްއަށް ޖަހައިދިނީ މުހައްމަދު ލިޔާޙް އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަރޑްސް)އެވެ.

އޯލްޑް ސްޓަރސްގެ ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ލަރީފް (ރޮނާބެ) އާއި މުހައްމަދު މުސްތަފާއެވެ.

ރޯޔަލް ނައިޓްސް (އާރް.ކޭ) ފައިނަލް ޕްލޭ އޯފް މެޗުން ޖާގަ ހޯދީ މިމުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ތަފާތު ބޮޑު ނަތީޖާއެކުން އެފް.ސީ މަތިވެރި ބަލިކޮށް ލީގު ބުރުގެ ދެވަނަ ހޯދައިގެންނެވެ. އާރް.ކޭ މިމެޗު ކާމިޔާބުކުރީ ބާރަ ތިނަކުންނެވެ.

މިމެޗުގައި އާރް.ކޭގެ އިބްރާހިމް ހަމްދާން (ހަމްދެ) ހަތަރު ލަނޑު ޖެހިއިރު އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހަމައެކަނި ފަހު ހާފްގައި ކުޅެންއަރާ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މިމެޗާއެކު ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި 13 ގޯލާއެކު އުޅެނީވެސް ދަގަނޑޭއެވެ.

އާރް.ކޭ ވަނީ ކުޅުނު 4 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައަށް ދިޔަ ކޭ.ކޭ ކަނޑުމައްޗަށް 6 ޕޮއިންޓް ލިބިފައިވާއިރު އޯލްޑް ސްޓަރސް މުބާރާތުން ކެޓީ 6 ޕޮއިންޓް ހަމަކުރި ނަމަވެސް ގޯލްގެ ތަފާތުން ކަނޑުމަތި ކުރީގައި އޮތުމުންނެވެ.

މުބާރާތުގެ ފައިނަލްގައި އަފީންސް އާއި ބައްދަލުކުރާ ޓީމެއް ޔަގީންވާނީ މިރޭ އާރް.ކޭ އާއި ކަނޑުމަތި ބައްދަލުކުރާ ޕްލޭ އޯފް މެޗުންނެވެ.