ކުޅިވަރު

ވައިޕީ ވެޓެރަންސް ފުޓްސަލް: ޗެމްޕިއަންކަން އަފީންސް ސްޕޯޓްސް ކުލަބަށް


ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ރިލެކްސް ފެރީ ސަރވިސް ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އަފީންސް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

އަފީންސް ސްޕޯޓްސް ކްލަބް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކޭ.ކޭ ކަނޑުމަތި 4-3 ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ވެސް ފައިނަލްގައި ވާދަކުރީ މިދެ ޓީމެވެ.

ފައިނަލް މެޗުގެ އަފީންސް ވަނީ ހަތަރު ފަހަރަށް ލީޑު ނަގާފައެވެ. ކަނޑުމަތި ޓީމުންވަނީ އަފީންސް ލީޑް ނެގި ފުރަތަމަ ތިން ފަހަރުވެސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗުގައި އަފީންސްގެ މުހައްމަދު ލިޔާޙް ދެ ލަނޑު ޖެހި އިރު އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު އާއި މުހައްމަދު އަޔާޒްއެވެ.

ކޭ.ކޭ ކަނޑުމަތިން ޖެހި ތިން ލަނޑުވެސް ޖަހައިދިނީ ހަސަން ސޮލާޙް (ހައްޓެ) އެވެ.

މިމުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކޭ.ކޭ ކަނޑުމަތީގެ ހަސަން ސޮލާޙް އާއި ކީޕަރު މުހައްމަދު ޝާޙު އާއި އަފީންސްގެ މުހައްމަދު ފާސިރާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަރޑްސް) އަދި ރޯޔަލް ނައިޓްސްގެ އަލީ އަޝްފާގް ދަގަނޑޭއެވެ.

ދަގަނޑޭ ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗުން 15 ލަނޑު ޖަހާ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް، ކިންގ އޮފް ދަ ޓޯނަމަންޓަށް ހޮވުނީ ފައިނަލް މެޗުވެސް މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަފީންސް ޓީމުގެ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމުގެ މަގާމް ހޯދީ މަތިވެރިއަށް ނިސްބަތްވާ ރޯޔަލް ނައިޓްސްއެވެ.