ކުޅިވަރު

ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް ވޯލްޑް ކަޕުން ޖާގަ ދޭން ޓްރަމްޕް އެދިއްޖެ


ރަޝިޔާއިން ޔުކްރެއިނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް، އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން އެ ގައުމަށް ފުރުސަތު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގައި އެދެފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއެކު ވައިޓް ހައުސްގައި ބޭއްވި ޕްރެސްގައި މި ވާހަކަ ދައްކަން ފެއްޓެވިއިރު ރަޝިޔާ އޮތީ ވަގުތީ ގޮތުން ފީފާގެ މުބާރާތްތަކުން ސަސްޕެންޑްކޮށްފައި ކަމެއް ޓްރަމްޕަށް އެނގިވަޑައިނުގަންނަވަ އެވެ. އެއީ 2022 ވަނަ އަހަރު އެ ގައުމުން ޔުކްރޭނަށް އަރަގައިގަތުމުންނެވެ.

މި ހަނގުރާމަ ހުއްޓާލުމަށް މިދިޔަ ނޮވެމްބަރު މަހު ދެ ވަނަ ފަހަރަށް އެމެރިކާގެ ރައީސްކަމާ ހަވާލުވެޑައިގަތުމަށްފަހު ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ރަޝިޔާ ސަސްޕެންޑް ވެފައިވާކަން އެނގިވަޑައިގަތުމުން އޭނާ ވަނީ ފީފާގެ ރައީސް ކުރެން އެއީ ތެދެއްތޯ ވެސް އައްސަވާފަ އެވެ.

"އަހަރެންނަށް އެކަމެއް ނޭނގެ. އެއީ ތެދެއްތަ؟،" ޓްރަމްޕް އެއްސެވި އެވެ.

ޖަވާބުގައި އެއީ ތެދެއް ކަމަށް އިންފަންޓީނޯ ވިދާޅުވުމުން ޓްރަމްޕް ވިދާޅުވީ ވޯލްޑް ކަޕް ކުޅެން ފުރުސަތު ދިނުމަކީ ރަޝިޔާއިން ހަނގުރާމަ ހުއްޓާލަން ދެވޭ ބާރަކަށްވާނެ ކަމަށެވެ.

"އެމީހުން ސަސްޕެންޑްކޮށްފައިވަނީ ވަގުތީ ގޮތުން ދުވަސްކޮޅަކަށް. އެކަމަކު އަހަރުމެން އުއްމީދު ކުރަނީ ރަޝިޔާ އަށް ފުރުސަތު ދިނުމަކީ އަލުން ހަމަޖެހުން ގެންނަން އެޅޭ ބާރަކަށްވާނެ ކަމަށް. މިއީ ވެދާނެ ކަމެއް. މިއީ ރަނގަޅު ބާރުއެޅުމަކަށް ވެސް ވާނެ. ނޫންތަ؟،" ޓްރަމްޕް އެއްސެވި އެވެ.

އޭނާ ވިދާޅުވީ ރަޝިޔާއިން ކޮންމެ ދުވަހަކު 5000 ޒުވާނުން މަރަމުންދާ ކަމަށާއި މިކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ވޯލްޑްކަޕުގައި ރަޝިޔާ ބައިވެރިކުރުމަށް އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އޭނާ އަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ނަމަވެސް ފީފާގެ ރައީސްއަކީ ފުޓްބޯޅައިގެ ވެރިޔާ ކަމަށެވެ.

މިހެންވެ އިންފަންޓީނޯ އަށް އެކަން ކޮށްދެވިދާނެ ކަމަށް ނުސީދާކޮށް ވިދާޅުވި އެވެ. ނަމަވެސް ފީފާއިން މިވާހަކަ އަށް ޖަވާބެއް ނުދެ އެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ޖުމުލަ 48 ގައުމު ވާދަކުރާނެ އެވެ.