ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން ތާވަލާ އެއްގޮތަށް ނިންމާލާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޤައުމީ ދިފާޢީ ބާރަށް ޝުކުރުއަދާކުރައްވައިފިއެވެ.
ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން އެމަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެގައި ކުރިއަށްނުދާތީ އެމަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާއި، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެއްމަސްތެރޭގައި އެމަސައްކަތް ނިންމާ މިއަހަރުގެ ތެލެސީމިއާ ދުވަހު އެތަން ޚިދުމަތަށް ގެންނަވާނެކަންވެސް އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.
މިމަސައްކަތް ސިފައިން ތާވަލާ އެއްގޮތަށް އަދި ކަނޑައެޅި މުއްދަތަށް ނިންމާލާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ޤައުމީ ދިފާޢީ ބާރަށް ޝުކުރު އަދާކުރައްވާފައެވެ.
Thank you @MNDF_Official 👍👍👍 https://t.co/LXxGhks3bX
— Dr Mohamed Muizzu (@MMuizzu) May 8, 2025
ރައީސުލްޖުމްހޫރިއްޔާ މިމަސައްކަތް ސިފައިންނާ ހަވާލުކުރެއްވުމާއި ގުޅިގެން، މިމަސައްކަތް ސިފައިން ފެއްޓެވީ މާރިޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ސިފައިންވަނީ ފާހަގަކުރައްވާފައެވެ. ސިފައިންގެ އެކި ޑިޕާޓުމަންޓުތަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޕްރޮޖެކްޓްގެ ހުރިހާކަމެއް ބެލެހެއްޓީ އެމްއެންޑީއެފްގެ ސަރވީސް ކޯގެ ބެލުމުގެ ދަށުންކަމަށް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.
ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޓީސީސީންވަނީ އެސަރަޙައްދުގައި އިތުރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.