ސްރީ ލަންކާއަށް އެއް ބިލިޔަން އެމެރިކާ ޑޮލަރު ދޫކުރުމަށް ނިންމާފައިވާ ކަން ވަރލްޑް ބޭންކް ގްރޫޕުން ހާމަކޮށްފިއެވެ. ވަރލްޑް ބޭންކުން ސްރީ ލަންކާއަށް އެއް ބިލިޔަން ޑޮލަރު ދިނުމަށް ނިންމާފައި މި ވަނީ، މާލީ އަދި އިޤުތިޞާދީ ކާރިސާއަކުން އަރައިގަތުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަރލްޑް ބޭންކުން ސްރީ ލަންކާއަށް އެއް ބިލިޔަން ޑޮލަރު ދޫކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން އަނބުރާ ދައްކަން ޖެހޭނީ މިހާ މިންވަރެއް ކަން ސާފެއް ނޫނެވެ.
ވަރލްޑް ބޭންކުން ބުނީ، ސްރީ ލަންކާއަށް އެއް ބިލިޔަން ޑޮލަރު ދޫކުރުމުގެ މައިގަނޑު މަޤުޞަދަކީ އިތުރު ވަޒީފާތައް އުފައްދައި، ޕްވައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި ވަރލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާއާ އެކު ކޮލަމްބޯގައި ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ.
ވަރލްޑް ބޭންކުން ބުނީ، ސްރީ ލަންކާގެ އިޤުތިޞާދުގައި އެއް ބިލިޔަން ޑޮލަރު އިންވެސްޓު ކުރުމަށް ނިންމާފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމުގައެވެ. ވަޒީފާ އުފެއްދުމުގެ އިތުރުން އެ ފައިސާ އިންވެސްޓު ކުރުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ހަކަތަ، ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ސަރަޙައްދީ އުމްރާނީ ތަރައްޤީގެ ދާއިރާ ހިމެނެއެވެ.
"މި އެހީތެރިކަމަކީ ސްރީ ލަންކާގެ ރައްޔިތުންނަށް ވަރލްޑް ބޭންކް ގްރޫޕުން ކުރާ އިންވެސްޓްމެންޓެއް. އޭގެ ސަބަބުން ވަޒީފާތައް އުފެދިގެން ދާނެ، ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބިގެން ދާނެ، އަދި ޤައުމުގެ އެކި ކަންކޮޅުތަކުގައި އައު ފުރުޞަތުތައް ފަހިވެގެން ދާނެ. މި ގުޅުން ދަމަހައްޓައި މުޖުތަމަޢަށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ރައީސް ދިސާނަޔަކަ ވިދާޅުވިއެވެ.
ކުރިއަށް އޮތް ދަހަރެއްހާ ދުވަހުގެ ތެރޭގައި މިލިޔަނެއްހާ ޒުވާނުން ސްރީ ލަންކާގެ ވަޒީފާގެ ބާޒާރާ އަލަށް ގުޅޭ ކަމުގައި ވަރލްޑް ބޭންކުން އަންދާޒާ ކުރެއެވެ. ނަމަވެސް، ސްރީ ލަންކާގެ މި ވަގުތު ހާލަތަށް ބަލާއިރު، އަލަށް އުފެއްދޭނެ ކަމަށް ބެލެވެނީ 300,000އެއްހާ ވަޒީފާ ކަމުގައި އެ ބޭންކުން ބުންޏެވެ. ސްރީ ލަންކާގެ އިޤުތިޞާދުގައި އެއް ބިލިޔަން ޑޮލަރު އިންވެސްޓު ކުރުމުގެ ބޭނުމަކީ، އެ ކަން ފޫބެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ސްރީ ލަންކާއަށް ދޫކުރުމަށް ނިންމާފައިވާ އެއް ބިލިޔަން ޑޮލަރުގެ ތެރެއިން 185 މިލިޔަން އިންވެސްޓު ކުރުމަށް ނިންމާފައި ވަނީ ހަކަަތައިގެ ދާއިރާގައެވެ. އަދި، ދަނޑުވެރިކަމުގެ ދާއިރާއަށް 100 މިލިޔަން ޑޮލަރު ޚާއްޞަ ކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް 200 މިލިޔަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. އަދި، ސަރަޙައްދީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ވަރލްޑް ބޭންކުން އިތުރު 200 މިލިޔަން ޑޮލަރު ހޭދަ ކުރާނެއެވެ.