ކުޅިވަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ހަވީރު ފަށައިފިއެވެ. ސަތޭކައަށްވުރެ ގިނަ އެތުލީޓުންނާއެކު މިމުބާރާތް ކުރިއަށްދަނީ މާފަންނު ކުޅިވަރު އެކުވެނީގައެވެ.

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެތުލެޓިކްސްއަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވި ބޭފުޅެއްކަމަށްވާ މައިޒާން އަލިމަނިކުއެވެ.

މާސްޓަރސް އެތުލެޓިކްސް ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ފަސް އުމުރުފުރާއަކުން ބައިވެރިން ވާދަކުރާނެއެވެ. އެއީ 35 އަހަރާ 39 އަހަރާ ދެމެދު، 40 އަހަރާ 44 އަހަރާ ދެމެދު، 45 އަހަރާ 49 އަހަރާ ދެމެދު 50 އަހަރާ 55 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 55 އަހަރުންމަތީގެ އުމުރުފުރާއިންނެވެ.

މުބާރާތުގައި ދިވެހިންގެ އިތުރުން ބިދޭސީންވެސް ވާދަކުރަމުން އަންނައިރު ބައިވެރިންގެ އަދަދު ސަތޭކައަށްވުރެ ގިނަވާނެކަމަށް މާސްޓަރސް އެތުލެޓިކްސް ކުލަބުންވަނީ މައުލޫމާތުދީފައެވެ.

މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހަށް ކުރިއަށްދާ މި މުބާރާތުގައި ހިމެނޭ އިވެންޓުތަކުގެ ތެރޭގައި 100މީޓަރު، 200 މީޓަރު، 1500 މީޓަރުގެ އިތުރުން 5000 މީޓަރާއި 1000 މީޓަރު ދުވުމާއި، ފީލްޑް ހަރަކާތްތަކުގެ ތެރެއިން ޝޮޓް، ޑިސްކަސް އަދި ޖެވެލިން ތުރޯވެސް ކުރިއަށްދާނެއެވެ.

މާސްޓަރސް އެތުލެޓިކްސް ކުލަބުން މައުލޫމާތުދީފައިވާ ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ ދޮށީ އުމުރުފުރާގެ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި ހެލިފެލިވެ އުޅުމުގެ ވައްޓަފާޅި އަށަގެންނަވާ، މިކަންކަމަށް އާންމުން ހޭލުންތެރިކުރުވުމެވެ.

މިމުބާރާތުގެ އިވެންޓްތައް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00އިން 06:00 އަށް މާފަންނު ކުޅިވަރު އެކުވެނީގެ ޓްރެކްގައެވެ.