މީ ފެށުމެއްކަމަށާ އިރާދަކުރެއްވިއްޔާ މިކަން ވައިގާ ހިފާނެކަމަށް އެތުލެޓިކްސްއަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވި ބޭފުޅެއްކަމަށްވާ މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މައިޒާން އަލިމަނިކު ވިދާޅުވީ ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްސަކޮށްގެން މިފަދަ މުބާރާތެއް ބޭއްވުމަށް މާސްޓަރސް އެތުލެޓިކްސް ކުލަބުން މަސައްކަތްކުރާތާ ދުވަސްކޮޅެއްވެއްޖެކަމަށެވެ. މިއަދަކީ އެ އުންމީދު ހާސިލްވި ދުވަސްކަމަށާ، އުންމީދަކީ މި މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ނިމިގެން ދިއުންކަމަށް އަލިބެ ފާހަގަކުރެއްވިއެވެ.
"ވަރަށް ކުރީންސުރެ މިކުދިން ވާހަކަދައްކައިގެން ވުޖޫދަށް އައިއްސަ މިއޮތީ. އިރާދަކުރެއްވިއްޔާ މިފެށުނީ ރަނގަޅު ފެށުމެއް" އަލިބެ ވިދާޅުވިއެވެ.
އަލިބެގެ ވާހަކަފުޅުގައި މިފަދަ މުބާރާތެއް ބޭއްވުމަށް ވަރަށް ގިނަ ބަޔަކު އެދެމުން ދިޔަކަމަށާއި މިފަދަ މުބާރާތެއް އިންތިޒާމުކުރުމަށްވެސް ގިނަ ބަޔަކު މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
"އެކިއެކި އިވެންޓްތަކުން ނިމިގެން އައި ކުދިންވެސް އަދި އެހެން ޑިސިޕްލިންތަކުންވެސް އައި ކުދިންވެސް. މިކަހަލަ މުބާރާތެއް ބާއްވަން ވަރަށް މަސައްކަތްކުރޭ. ވަރަށް ކުރާހިތްވާކަމެއް. އެހެންކަމުން އިރާދަކުރެއްވިއްޔާ އެކަން ވުޖޫދަށް އައިއްސަ މިއޮތީ" އަލިބެ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަކީވެސް ވެޓަރަންސް އެތުލީޓުން ގިނަ ގައުމެއްކަން ފާހަގަކުރައްވަމުން އަލިބެ ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވިގެން ދިއުމަކީ ވަރަށް ރަނގަޅަށް އެޅޭ ފިޔަވަޅެއްކަމަށެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުރީގެ އެތްލީޓުންނަށް ޚާއްސަކޮށްގެން މުބާރާތްތައް ބޭއްވޭ ކަމަށާ މިއީ ރާއްޖޭގައި މިފަދަ މުބާރާތްތައް ބޭއްވުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަމަށް އަލިބެ ވިދާޅުވިއެވެ. އަލިބެގެ ވާހަކަ ނިންމަވާލެއްވީ މިއީ ފެށުމެއްކަމަށާ، އިރާދަކުރެއްވިއްޔާ މިކަން ވައިގައި ހިފާނެކަމަށް ވިދާޅުވަމުންނެވެ.
މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެމްޓުތައް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00އިން 06:00 އަށް މާފަންނު ކުޅިވަރު އެކުވެނީގެ ޓްރެކްގައެވެ.
މިމުބާރާތުގައި ދިވެހި އެތުލީޓުންގެ އިތުރަށް ބިދޭސީންވެސް ވާދަކުރަމުން އަންނައިރު، މި މުބާރާތުގައި 100މީޓަރު، 200 މީޓަރު، 1500 މީޓަރުގެ އިތުރުން 5000 މީޓަރާއި 1000 މީޓަރު ދުވުން ހިމެނޭއިރު، ފީލްޑް ހަރަކާތްތަކުގެ ތެރެއިން ޝޮޓް، ޑިސްކަސް އަދި ޖެވެލިން ތުރޯވެސް މިމުބާރާތުގައި ކުރިއަށްދާނެއެވެ.