ކުޅިވަރު

ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް: ރާއްޖެ އަތުން ސައުދީއަށް މޮޅެއް


އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދާ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ސުލްޠާން ގަބޫސް ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ކުޅުނު މި މެޗުގައި ސައުދީ ޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު، މިމެޗު ސައުދީން ގެންގޮސްފަވަނީ 20-12 އަދި 18-08 ނެވެ.

އޮމާންގެ ވެރިރަށް މަސްކަޓުގައި މިމުބާރާތް ކުރިއަށްދާއިރު، މިމުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. ރާއްޖޭގެ އިތުރުން ދެން މި ގްރޫޕުގައި ހިމެނެނީ އޮމާންއާއި، ހޮންގކޮންގގެ އިތުރުން ސައުދީ އަރަބިއްޔާއެވެ. މިމަހުގެ 6 ވަނަ ދުވަހު ގައުމީ ޓީމުން ފުރަތަމަ މެޗުގައި ބައްދަލުކޮށްފަވަނީ މުބާރާތް ބާއްވާ ގައުމު އޮމާންއާއެވެ. އެމެޗުވެސް ސީދާ ދެ ސެޓުން ގެންގޮސްފަވަނީ އިދިކޮޅު ޓީމުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕް "އޭ"ގެ ޕޮއިންޓު ތާވަލަށް ބަލާއިރު ކުޅުނު ދެ މެޗުން މޮޅުވެ 4 ޕޮއިންޓު ހޯދައިގެން އެއްވަނައިގަ އޮތީ އޮމާންއެވެ. ސައުދީން މިހާތަނަށް އެންމެ މެޗެއް ކުޅެފަވާއިރު އެޓީމަށް ލިބިފައިވާ 2 ޕޮއިންޓާއެކު ތާވަލުގެ ދެވަނައެވެ. މިހާތަނަށް ރާއްޖެ އަދި ހޮންގކޮންގ ޓީމަށް އެއްވެސް ޕޮއިންޓެއް ނުލިބި މި ދެޓީމު އަދިވަނީ ތާވަލުގެ ފުލުގައެވެ.

މިއީ ރާއްޖެއިން މިމުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު ނަމަވެސް ތަޖުރިބާހުރި ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ޓީމުން އަންނަނީ ހިތްވަރުދައްކަމުންނެވެ. އޮމާންގައި ވާދަކުރަމުން އަންނަ ގައުމީ ބީޗް ހޭންޑް ބޯލް ޓީމަކީ ގިނަ އަދަދަކަށް ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އަދި މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައްވެސް ކުރިއަށް ގެންގޮސްފައިވަނީވެސް އެސިޓީގައެވެ.

ބީޗް ހޭންޑްބޯލްއަށް ޚާއްސަކޮށްގެން ދެ ކޯޓެއް އެސިޓީގައި ތަރައްގީކޮށްފަވާއިރު، މިމުބާރާތައް ޓީމުން ވަރަށް ދުރާލާ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައެވެ. ގައުމީ ބީޗް ހޭންޑް ބޯލް ޓީމަށް އިރުޝާދުދެމުން އަންނަނީ ޕާކިސްތާނަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު އާސިމް ރާޝިދުއެވެ.

ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ދެން ވާދަކުރާނީ ހޮންގކޮންގއާއެވެ. މިމަހުގެ 11 ވަނަ ދުވަހަށް އެމެޗު ތާވަލުކޮށްފަވާއިރު، މެޗު ފެށުމަށްހަމަޖެހިފައިވަނީ ރާއްޖެ ގަޑިން އިރުއޮއްސި 07:00 ޖަހާއިރެވެ.