ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ވާދަކޮށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗުގެ ކާމިޔާބީގައި އެ ޓީމަށް ކުރިން ކޯޗުކޮށްދިން އޮސްޓްރޭލިއާގެ ކޯޗު އިއަން އެންޑްރޫ ގިލަން، މުހިންމު ދައުރެއް އަދާކުރި ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ބުނެފިއެވެ.
މަހިބަދޫއާ ވަދާކޮށް ހޯދި ތަފާތުބޮޑު ކާމިޔާބަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ފަރޭ ބުނީ މާޗުމަހުގެ ތެރޭގައި ޓީމާ ހަވާލުވި ކޯޗު އިއާންގެ އިރުޝާދާ އެއްގޮތަށް ޓީމުން ފަރިތަކުރުންތައް ގެންދިޔަކަމަށާ، އޭގެ އިތުރުން ދިވެހި ދެ އެސިސްޓަންޓު ކޯޗުންގެވެސް ލަފަޔާ ޚިޔާލުތައް ޓީމުގެ ކުޅުމަށް ގެނެވިފައިވާނެކަމަށެވެ. އެކަން އެގޮތަށްކުރީ ދިވެހި ޓީމުތަކުގެ އަސްލު ކުޅުމަށް ބިދޭސީ ކޯޗަށްވުރެ ދިވެހި ދެ ކޯޗުން ފަރިތަވާނެތީކަމަށް އޭނާ ހާމަކުރިއެވެ.
"އެކޯޗުގެ ވަރަށް ބުރަ މަސައްކަތެއް ޓީމުގައި މިއޮތީ. ޓީމު ފޯރމޭޝަނާއި، ޓީމު ބައްޓަންކުރުމުގައި ކޯޗުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފަ އޮތީ. އެހެންނަމަވެސް ކޮންމެސް ވަރަކަށް އަޅުގަނޑާއި ފައްރައާ ދެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާ ދެމީހުންގެ އަދި ހަސަން ހަމީދު، ގޯލް ކީޕަރު ކޯޗުގެވެސް އައިޑިއާ އާއެއްކޮށް ބައެއް ޗޭންޖުތައް އަޅުގަނޑުމެން ޓެކްޓިކަލީވެސް ގެނެސްގެން އޭގެ ފައިދާވެސް މިއަދުކޮށްފި" އިއްޔެގެ މެޗުގައި ޓީމު ލީޑުކުރި ފަރޭ ބުންޏެވެ.
ފަރޭ އަދި ފައްރަގެ އިތުރުން ހަސަން ހަމީދަކީ ދިވެހި ފުޓުބޯޅައިގެ ތަޖުރިބާހުރި ފަރާތްތަކަށްވުމުން މިގެނެވުނު ކުދިކުދި ބަދަލުތަކާ މެދު ހިތްހަމަޖެހޭކަމަށް ފަރޭ ފާހަގަކުރިއެވެ. އަދި މުބާރާތުގެ ފުރަތަމަ ދުވަހު ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް ލަނޑެއްނުޖެހި އޮޑިން އެއްވަރުވި މެޗުގައި ހެދުނު ގޯސްތައް އިއްޔެގެ މެޗަށް ނުކުތުމުގެ ކުރިން ރަނގަޅުކުރިކަމަށް އޭނާވަނީ ބުނެފައެވެ.
"ޓީސީއަކީ ޕްރެކްޓިސްތައް ލަހުން ފެށި ޓީމެއް ނަމަވެސް އެމީހުންނަކީ އެއްވަނަ ޑިވިޝަނުގެ ވަރަށް ތަޖުރިބާހުރި ޓީމެއް. އެހެންވީމަ އެމީހުންނާއެކު ކުޅުނުއިރު އެމީހުން ވަރަށް ބޮޑަށް ގޭމް ރީޑްކޮށް، ސްކޯ ކުރާނެ ޗާންސްތައް ބްލޮކް ކޮށްލައިގެން ޑިފެންސިވް މޮޅު ގޭމެއް ޓީސީން ކުޅުނީ" ޓީސީގެ ކުޅުމަށް ތައުރީފުކުރަމުން ފަރޭ ބުންޏެވެ.
އެދުވަހުގެ މެޗުގައި ނުކުތް ނަތީޖާއިން ކުޅުން ރަނގަޅުކޮށް، އޮޑިން އިއްޔެ ދަނޑަށްއެރީ ޓީސީ ފަދައިން މަހިބަދޫވެސް ޑިފެންސިވް ގޭމެއް ކުޅެފާނެކަމަށް ބަލާ އެކަމަށް ތައްޔާރުވެގެންކަމަށް ފަރޭ ބުންޏެވެ. އަދި މެޗުގެ ކުރިން ކޮށްފައިވާ ހުރިހާ ޕްރެކްޓިސްއެއްގައިވެސް އެންމެ ބޮޑު ސަމާލުކަންދިނީ އެޓޭކް ވަރުގަދަކުރުމަށްކަމަށް އޭނާ ފާހަގަކުރިއެވެ. މިގޮތުން އޮޑީގެ ހަމަލާތައް ވަރުގަދަކުރުމަށް ކުޅުންތެރިން ކުރިއަށް އެރުވިކަމަށާ، ޑިފެންޑަރުންނާއި، ސައިޑްބެކްތައްވެސް ކުރިއަށް އަރުވާ ހަމަލާތައް ގިނަކުރުމަށް އިސްކަންދިންކަމަށް އޭނާ ބުންޏެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މެޗުގައި ރަނގަޅު ސްކޯއެއް މިކުރެވުނީ" މެޗުގެ ކާމިޔާބީއާ ގުޅޭގޮތުން ފަރޭ ބުނެފަވެއެވެ.
އޮޑިން މިއަހަރުގެ މާޗުމަހުން ފެށިގެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު އިއާންގެ އިރުޝާދުގެ ދަށުން ނަމަވެސް އޭނާވަނީ މިމަހުގެ ކުރީކޮޅު މަގާމުން އިސްތިއުފާދީ، ގައުމަށް އެނބުރި ގޮސްފައެވެ. މިކަމާ ގުޅިގެން އޮޑިންވަނީ އިތުރު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެފްއޭއެމް ލީގު ކަޕްގައި އޮޑިން ދެން ނުކުންނާނީ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބާ ވާދަކުރުމަށް މިމަހުގެ 17 ވަނަ ދުވަހުއެވެ. މިމެޗު ކުޅޭނީ އެރޭ 09:00ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.