ރަމަޟާން މަހުގެ ބިލުގެ އިތުރުން އޭޕްރީލް މަހުގެ ބިލުންވެސް ޑިސްކައުންޓު ދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެއްގޮތަށް މިދިޔަ ރަމަޟާންމަހުގެ ބިލުން ޑިސްކައުންޓް ދިނުމުގެ ގޮތުން މާރިޗު މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އޭޕްރީލް މަހުގެ ކަރަންޓު ބިލަށްވެސް ޑިސްކައުންޓުދީފައިވާ ކަމަށެވެ. އޭޕްރީލް މަހުގެ ބިލުތަކުންވެސް ޑިސްކައުންޓު ދިނީ އެ މަހުގައިވެސް ހޫނު ގަދަވެ ކަރަންޓު ބިލުތައް ބޮޑުވާނެތީކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އެހެންކަމުން ދެ ބިލުގައި ކަރަންޓު ބޭނުންކުރެވުނު ވަރު އަދަދު ތަފާތަސް، އެއް އަދަދެއް ބިލަށް އަރާފައިވަނީ ދެ މަހުވެސް ޑިސްކައުންޓު ދިނުމުންކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ނިމުނު ރަމަޟާން މަސް ދިމާވީ މާރިޗް މަހާއެވެ. މާރޗް މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓްދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އޭގެ އިތުރަށް މާރޗް މަހާ ޖެހިގެން އައި އޭޕްރީލް މަހަކީވެސް ހޫނު ގަދަ މަހަކަށްވުމުން، އެ މަހުގެ ބިލުންވެސް މިހާރު މިވަނީ ޑިސްކައުންޓް ދީފައެވެ.
މާރޗް މަހުގެ ބިލުތަކުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރެއްވިއެވެ. މިއީ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ލުޔެއް ހޯއްދަވާދެއްވުމަށް ސަރުކާރުން ކުރެއްވި ކަމެކެވެ.