އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 2031 ވަނަ އަހަރުން ފެށިގެން 48 ޓީމު ބައިވެރިކުރުމަށް ފީފާގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެވޭނީ 32 ޓީމުންނެވެ. އޭގެ ބަދަލުގައި 48 ޓީމަށް މުބާރާތް ފުޅާކުރުމަށް ނިންމާފައިވާއިރު، މިއީ ފިރިހެނުންގެ ވޯލްޑް ކަޕް މުބާރާތުގައި މިހާރުވެސް ގެންގުޅޭ ފޯމެޓެވެ.
ފީފާއިން މި ނިންމުން އިއުލާންކުރީ ހުކުރު ދުވަހުއެވެ. އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ގެނައި މިބަދަލު އިއުލާންކުރަމުން ފީފާއިން ބުނެފައިވަނީ މިބަދަލު ގެނައީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް އަންހެނުންގެ ފުޓްބޯޅައަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި ބަދަލަކީ ފީފާ އަންހެނުންގެ ވޯލްޑް ކަޕުތަކުގައި ހަމައެކަނި 16 ޓީމު އިތުރުން ނޫންކަމަށާއި، މިއީ އަންހެންގެ ކުޅިވަރުތައް އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. 48 ޓީމަށް މުބާރާތް ފުޅާކުރުމުން ދެން މުބާރާތުގައި ހަތަރު ޓީމުގެ މައްޗަށް އެކުލެވޭ 12 ގްރޫޕު ހިމެނޭނެއެވެ. އަދި ޖުމްލަ މެޗުތަކުގެ އަދަދު 64 އިން 104 އަށް އިތުރުވާނެއެވެ. އަދި އަންހެނުންގެ ވޯލްޑް ކަޕް މުބާރާތުގެ މުއްދަތަށްވެސް އިތުރު އެއް ހަފްތާ އިތުރު ކުރާނެއެވެ.
އަންހެނުންގެ ވޯލްޑް ކަޕް 2031 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާގައެވެ. މި މުބާރާތް ބޭއްވުމަށް އެދި ފީފާއަށް ބިޑު ހުށަހެޅި ހަމައެކަނި ޤައުމަކީވެސް އެމެރިކާއެވެ. މިއީ 1999 އަދި 2003 ވަނަ އަހަރުގެ އެޑިޝަނަށް ފަހު އެމެރިކާއިން ފީފާ ވޯލްޑް ކަޕްގެ އަންހެން އެޑިޝަން ބާއްވާ ތިން ވަނަ ފަހަރެވެ.
އެންމެ ފަހުން އަންހެނުންގެ ވޯލްޑް ކަޕް ބޭއްވީ 2023 ވަނަ އަހަރު އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައެވެ. އަންހެނުންގެ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ސްޕެއިންއެވެ.