އައްޑޫ ސިޓީގައި ފެނަކައިގެ މަޝްރޫޢުތައް ކުންފުނިން އަމިއްލައަށް ކުރިއަށް ގެންދިއުމުގެ ސަބަބުން އެކުންފުންޏަށް 79 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އައްޑޫ ސިޓީގައި ފެނަކަ ކުންފުނިން ހިންގަމުންދާ ބްރާންޗުތަކާއި މަޝްރޫޢުތަކުގެ ޚާއްސަ އޮޑިޓެއް އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ހަދާފައެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ދެމެދު ހިންގުމަށް ބަލާ ހަދާފައިވާ އޮޑިޓެކެވެ. މި އޮޑިޓުން ކުންފުނީގެ ފައިސާއަށް ގިނަ އިހުމާލުތަކެއް ވެފައިވާކަންވަނީ ހާމަވެފައެވެ.
އައްޑޫސިޓީގައި ފެނަކަ ކުންފުނިން ދިޔައީ، ބޮޑު 4 މަޝްރޫޢެއްގެ މަސައްކަތް ކުރަމުންނެވެ.
* އައްޑޫ ސެންޓަރަލް ޕަވަރ ހައުސް އައު އިމާރާތުގެ މަސައްކަތް
* އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ އައު އޮފީހުގެ މަސައްކަތް
* އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބްރާންޗުގެ އައު އޮފީހުގެ މަސައްކަތް
* އައްޑޫ ސިޓީ ހުޅުމީދޫ ބްރާންޗުގެ އައު އޮފީހުގެ މަސައްކަތް
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ އޮޑިޓް ރިޕޯޓުންގައިވާ ގޮތުން މިމަޝްރޫޢުތައް އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިނަމަ، ޖުމްލަ 109 މިލިޔަން ރުފިޔާއިން ނިންމާލެވޭނެއެވެ. ނަމަވެސް މިހަތަރު މަޝްރޫޢަށް މިހާތަނަށް 117.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މަސައްކަތް ނިންމުމަށް އިތުރަށް 68.5 މިލިޔަން ރުފިޔާ ޚަރަދު ކުރަންޖެހެއެވެ. މީގެ ސަބަބުން ކުންފުންޏަށް 76.9 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ވެފައިވާއިރު، މިމަޝްރޫޢުތައް އެކަށީގެންވާ ސްޕީޑެއްގައި ނިންމިފައިވެސް ނުވެއެވެ.
މީގެއިތުރުން ޚިޔާނާތާއި އިހުމާލުގެ ބޮޑެތި މައްސަލަތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި އިންޖީނުތައް ރަނގަޅަށް ނުބެލެހެއްޓުމާއި، އަޅާ ތެލުގެ ކޮލިޓީ ޓެސްޓު ނުކުރުމާއި، އިންޖީނުގޭގެ އިންޖީނުތައް ބަހައްޓާފައި ހުރި ތަނަކީ އެކަށީގެންވާ ގޮތަށް ވައިބޭރުވާ ގޮތަށް ހަދާފައި ނުވުން ފާހަގަކުރެވެއެވެ. އަދި އެކުންފުނިން ބަލަހައްޓަމުންދާ ދެ ފެން ޕްލާންޓުން 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރު އޮކްޓޯބަރުމަހާ ހަމައަށް އުފެއްދި ފެނުގެ 54 އިންސައްތަ ލީކްވެފައިވާއިރު، ހުޅުމީދޫ ޕްލާންޓުން އުފެއްދި ފެނުގެ 16 އިންސައްތަ ލީކުވެފައިވެއެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް 9.8 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ.
މީގެއިތުރުން އައްޑޫ ސިޓީގައި ކުންފުނިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ މަޝްރޫޢަށް ބޭނުންވާ 10 އުޅަނދެއް އެއް މަސް ދުވަހަށް ކުއްޔަށް ނަގާ ކޮންމެ މަހަކު އެއްބަސްވުން އައު ކުރަމުން ދިއުމުންވެސް ކުންފުންޏަށް ވަނީ ގެއްލުންވެފައެވެ. އެކަމަށް 15.9 މިލިޔަން ރުފިޔާ ހޭދަވިއިރު، 10 އުޅަނދު ގަތުމަށް އާރާނީ 4.2 މިލިޔަން ރުފިޔާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ކުންފުންޏަށް ދިގުމުއްދަތައް ވާނެ ފައިދާ ނުބަލައި ކޮށްފައިވާ ކަމެއްގެ ގޮތުގައި އޮޑިޓު ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ފެނަކަ އައްޑޫ ސިޓީ ބްރާންޗުތަކުގައި ފައިސާއާއި ގުޅޭ ޚިޔާނާތްތަކެއްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން ބައެއް މައްސަލަ އޭސސީސީން ވަނީ ތަހުގީގުކޮށް ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.
އޮޑިޓް ރިޕޯޓުގައިވަނީ މިކަންކަން އިސްލާހުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރިކަންކަމަށް ދަޢުވާ ކުރުމަށް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ލަފާދީފައެވެ.