ކުޅިވަރު

44 ޓީމާއެކު އިންޓަރ ސްކޫލް ޓީޓީ މުބާރާތް ބުދަ ދުވަހު ފަށަނީ


އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މުބާރާތުގައި 16 ސްކޫލަކުން 44 ޓީމު ވާދަކުރާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ރިޝާން މުޙައްމަދު ވަނީ "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވާފައެވެ.

މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ކުޅުންތެރިން ވާދަކުރާނެއެވެ. އެއީ 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. މި މުބާރާތް ކުރިއަށްދާނީ މާލޭ ޓީޓީ ހޯލުގައެވެ.

ޓޭބަލް ޓެނިސްއަކީ މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރެކެވެ. މިގޮތުން ޓީޓީ ކުރިއެރުވުމަށް އެތެރޭގެ މުބާރާތްތައް ބާއްވަމުން އަންނައިރު، މި ކުޅިވަރުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރާއްޖޭގެ ކުޅުންތެރިން އަންނަނީ ގިނަ އަދަދަކަށް ގައުމު ތަމްސީލުކޮށް ރަން ވަނަތަކެއް ހޯދަމުންނެވެ.

ފާއިތުވެ ދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް ރާއްޖޭގެ ޒުވާން ގައުމީ ޓީޓީ ޓީމުން ވަނީ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރިހި މެޑެއްޔަކާއި، ދެ ލޯ މެޑެލް ހޯދާފައެވެ. އަދި މިހާރު ގައުމީ ސީނިއަރ ޓީޓީ ޓީމުން ތައްޔާރުވަމުން އަންނަނީ ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ކޮލިފިކޭޝަން ފޯރ ލަންޑަން 2026 ވޯލްޑް ކަޕުގައި ވާދަކޮށް، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުން ޖާގައެއް ކަށަވަރުކުރުމަށެވެ.

ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވެގެން ވާދަކޮށްފަވަނީވެސް ޓޭބަލް ޓެނިހުންނެވެ. ފާއިތުވެދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްއިން ރާއްޖޭގެ ކުޅިވަރުގެ ފަޚުރެއް ކަމަށްވާ ފާތިމަތު ދީމާ އަލީ ޖާގަ ކަށަވަރުކޮށްފަވަނީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގައި ސްރީ ލަންކާއާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.