ޚަބަރު

ހުޅުމާލޭ ކްލިނިކެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ހިމެނޭ ދެމީހަކު ވަޒީފާއިން ވަކިކޮށްފި


  • މިމައްސަލައިގައި އަނިޔާކުރިކަމަށް ބުނާ މީހާއާއި އެތަނުގައި ހުރި އެހެން މީހަކުވަނީ ވަކިކޮށްފައި

  • ހުރިހާ ވީޑިއޯއެއް މިހާރުވަނީ ފުލުހުންނަށް ހަވާލުކޮށްފައި

ހުޅުމާލޭ ޕިޒިއޯ ކްލިނިކްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން އެކަމުގައި ޝާމިލްވާ ދެމީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެކްލިނިކުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ފިޒިއޯ ކްލިނިކުން ކުރި ޕޯސްޓެއްގައި ބުނީ، މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ވަގުތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިކަމުގައި ކުއްޖާއަށް އަނިޔާކުރިކަމަށް ބެލެވޭ މުވައްޒަފާއި، އެވަގުތު އެތަނުގައި ހުރި އެހެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި ފިޒިއޯ ކްލިނިކް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. ކްލިނިކުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭ ކަންކަން ވަގުތުން އަންގާ މިޙާދިސާގެ ވީޑިއޯ ފުޓޭޖް ފުލުހުންގެ ތަޙުގީގަށް ހިއްސާކޮށްފައިވާކަމަށެވެ.

އަދި މިފަދަ ޢަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަންކަން ނޫންކަމަށާއި، ކްލިނިކަށް އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކެމެރާ ހަރުކޮށްގެން މޮނިޓަރކުރުމާއި ތެރަޕީގެ ވަގުތުގައިވެސް ބެލެނިވެރިންނަށް އެމަންޒަރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާތީ އެމައްސަލަ ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސްވަނީ ވިދާޅުވެފައެވެ.