ކުޅިވަރު

މުހިންމު ފަސް ޑިފެންޑަރުން ނެތްކަން އެކަކުވެސް ހަނދާނެއް ނެތް: އަންޗެލޮޓީ


ރެއާލް މެޑްރިޑް މިހާރު ކުޅެމުންދަނީ މުހިންމު ފަސް ޑިފެންޑަރުން ނެތިކަން އެކަކުވެސް ހަނދާން ނެތް ކަމަށް ބުނެ، ކޯޗު ކާލޯ އަންޗެލޮޓީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގެ އެންމެ ވާދަވެރި މެޗު ކަމަށްވާ އެލް ކްލަސިކޯގައި ވާދަވެރި ބާސެލޯނާ އަތުން 4-3 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ.

މި ބައްޔާއެކު ރެއާލްއަށް މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ. އެއީ އެއްވަނައިގައި އޮތް ބާސެލޯނާއިން ހަތް ޕޮއިންޓަށް ލީޑު ފުޅާކުރުމުންނެވެ.

މި މެޗުން ބާސެލޯނާ މޮޅުވީ ރެއާލް ދެ ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށެވެ.

"މިވަރުގެ މެޗުތަކުތަކުގައި ވަރަށް ރަނގަޅަށް ޑިފެންސް ކުރަން ޖެހޭނެ. އެކަމަކު އަހަރުމެންނަށް 30 މިނިޓް ތެރޭގައި އެކަން ނުކުރެވިގެން މެޗު ގެއްލުނީ. ދެން އެކަކު ވެސް ހަނދާނެއްނެތް އަހަރުމެންގެ ފަސް ޑިފެންޑަރުން ނެތްކަން. މިއީ ހަގީގަތުގައި އަހަރުމެން ހަނދާން ކުރަންޖެހޭ ކަމެއް،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ ކީލިއަން އެމްބާޕޭ ހެޓްރިކް ހެދި މެޗުގައި ރެއާލްގެ އެޓޭކުތައް ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ.

"އަހަރުމެންނަށް ހަގީގަތުގައި ނަތީޖާ 4-4 އަށް ހެދޭނެ. އަހަރުމެން ދެ ފަހަރު އޮފް ސައިޑްވި. އެޓޭކަށް ބަލާއިރު އަހަރުމެން ވަރަށް ރަނގަޅު. އެކަމަކު ޑިފެންސަކީ ވަރަށް މުހިންމު ބައެއް. އެކަން ނުކުރެވުނީ،" ކޯޗު ބުންޏެވެ.

އަދި މިއީ އޭނާގެ އެންމެ ފަހު ކްލަސިކޯތޯ އެހުމުން އަންޗެލޮޓީ އެކަމަށް އެއްބަހެއްނުވި އެވެ. އޭނާ ބުނީ މިއީ މި ސީޒަނުގެ އެންމެ ފަހުގެ އެލް ކްލަސިކޯ ކަމަށެވެ.

މި މެޗުގައި ބްރެޒިލްގެ ފޯވާޑް ރޮގްރީގޯ ކުޅެން ނުނެރުނީ އަންޗެލޮޓީއާ މައްސަލަ ޖެހިގެން ކަމަށް ދެކެވުނު ވާހަކަތައްވެސް އޭނާ ވަނީ ދޮގުކޮށްފައެވެ. އަންޗެލޮޓީ ބުނީ ރޮޑްރީގޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ކުޅުންތެރިޔާ ނުނެރުނީ މުޅިން ފިޓުނުވެ ކުޅުވައިފިނަމަ، އިތުރު އަނިޔާއެއް ކުރިމަތިވެދާނެތީ ކަމަށެވެ.

މި ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަމުން އަންޗެލޮޓީ ވަކިކުރާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. އެއީ ތައްޓެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކޯޗުކަމަށް ގެންނާނެ ކަމަށް ބެލެވެނީ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯއެވެ.