ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، އިންޑިޔާ ސަރުކާރުން އިތުރު އެއް އަހަރަކަށް އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔަނެއްގައި ވިދާޅުވީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެކުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށާއި، މި ފަހަރު ޓީބިލު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރީ އިތުރު އިންޓްރެސްޓެއްވެސް ނާރާ ގޮތަށް ކަމަށެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ، ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
I express my sincere gratitude to EAM @DrSJaishankar and the Government of #India for extending crucial financial support to the #Maldives through the rollover of the USD 50 million Treasury Bill.
— Abdulla Khaleel (@abkhaleel) May 12, 2025
This timely assistance reflects the close bonds of friendship between #Maldives &…
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފައިވަނީ އެސްބީއައި މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދެއްވައިގެންކަމަށެވެ. މި ދީލަތި އެހީއާއެކުވެސް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އަދި ވަކިން ޚާއްސަކޮށް މިފަހަރު މިދެއްވި އެހީތެރިކަމުގެ ސަބަބުން ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.
2019 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން، އިންޑިއާ ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް މިފަދަ އެތައް ޓްރެޜަރީ ބިލްތަކެއް އިންޓަރެސްޓް ނުލައި މުއްދަތު އިތުރުކޮށްފައެވެ. އަދި ޓީބިލުތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ރިޒާވް ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ފެސިލިޓީއެއްވެސް ހަމަޖައްސަވައިދެއްވާފައެވެ.
އެސްބީއައި އަށް ވިއްކާފައިވާ ޓީބިލުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައްކަންޖެހިފައި އޮތް 50 މިލިއަން ޑޮލަރުވެސް އިންޑިއާއިން ވަނީ ފަސްކޮށްދީފައެވެ. އެ 50 މިލިޔަން ޑޮލަރު ދެން ދައްކަންޖެހޭނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ.