ކުޅިވަރު

ޓީޓީ ކުރިއެރުވުމަށް ޗައިނާއިން ސްޕެއަރިން ޕާޓްނާސް ގެންނަނީ


ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ރަންވަނަތަކެއް ގައުމީ ޓޭބަލް ޓޭނިސް ޓީމުން ހޯދަމުންދާއިރު، ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރުމަށް ޗައިނާއިން ސްޕެއަރިން ޕާޓްނާސް ވަރަށް އަވަހަށް ގެންނާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން އައްޔަ ވިދާޅުވީ ޓީޓީން ފެންނަނީ ވަރަށް އުޖާލާ މުސްތަގުބަލެއް ކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ މަހުގައިވެސް ޖޫނިއަރ ގައުމީ ޓީޓީ ޓީމުން ވަނީ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖެއަށް ރިހި މެޑެއްޔަކާއި، ދެ ލޯ މެޑެލް ހޯދައިދީފައެވެ. އެކަން ފާހަގަކުރައްވަމުން އައްޔަ ވިދާޅުވީ ޖޫނިއަރ ޓީޓީ ޓީމުން ހޯދި ކާމިޔާބީއާ މެދު އެސޯސިއޭޝަނުން ފަޚުރުވެރިވާ ކަމަށެވެ.

"އެސޯސިއޭޝަނުން ވަރަށް އުފާވެއްޖެ މިފަހަރު އެހެންބަލަންޏާ ގިނައީ ހަމަ އައު ކުޅުންތެރިންތަކެއް ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި މީގެ ކުރިން ބައިވެރިވެފައި ނެތް ކުދިންތަކެއް. ދެން ތިން ބްރޯންޒާ އެއް ސިލްވަރއާ މިލިބުނީ. އެހެންވީމަ އެސޯސިއޭޝަނަށް ފެންނަނީ ހަމަ ފިއުޗަރ ވަރަށް ރަނގަޅުކަމަށް" އައްޔަ ވިދާޅުވިއެވެ.

އައްޔަ ވިދާޅުވީ ޓީޓީ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވުޒާރާގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އެގޮތުން އީރާންގެ ތަޖުރިބާކާރު ކޯޗެއްވެސް ޓީޓިއަށް ޚާއްސަކޮށްގެން ކުޅިވަރާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިދެއްވާފައިވާކަން އައްޔަ ފާހަގަކުރެއްވިއެވެ. އެއް އަހަރުގެ މުއްދަތަކަށް ގައުމީ ޓީޓީ ޓީމާއެކު އީރާންގެ ކޯޗު މެހްދީ ޚުޝްވަރަމް މަސައްކަތްކުރާނެ ކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.

"ސްޕޯޓްސް މިނިސްޓްރީގެ އެހީއާއެކު ޚާއްސަކޮށް މިނިސްޓަރގެ އެހީ އާއެއްކޮށް ވަން އިޔަރއަށް އީރާނުގެ ކޯޗެއްވެސް ގެނެސްދެއްވައިފި. އެކޯޗުގެ ބެލުމުގެ ދަށުން ހަމަ ވަރަށް ރަނގަޅަށް ޓްރޭނިންގތައް ކުރިއަށްގެންދާނެ" ޓީޓީ އެސޯސިއޭޝަނުގެ ރައީސްކަމުގައި ތިންވަނަ ދައުރު ފުރުއްވަމުންދާ އައްޔަ ވިދާޅުވިއެވެ.

ޓީޓީ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަގުނަ އެހީތަކެއް ދެއްވަމުން އަންނަ ކަމަށާއި، އެގޮތުން ޗައިނާއިން ސްޕެއަރިން ޕާޓްނާސް ގެނެސްދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވާ ކަމަށް އައްޔަ މައުލޫމާތުދެއްވިއެވެ.

ޗައިނާގެ ޓީޓީ ކުޅުންތެރިންނަކީ ވަރަށް ފެންވަރު ރަނގަޅު ހުނަރުވެރި ބައެއް ކަމަށް އައްޔަ ފާހަގަކުރެއްވިއެވެ. އެގޮތުން ޗައިނާގެ ކުޅުންތެރިންގެ ސްޕިންތަކާއި އެހެނިހެން ހުނަރުތައްވެސް ތަފާތުވާނެ ކަމަށާއި، އެ ކުޅުންތެރިންނާއެކު ދިވެހި ކުޅުންތެރިންނަށް ކުޅެލަން ލިބުމުން ސްޕީޑް ރަނގަޅުވެ، ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އައްޔަ ވަނީ ވިދާޅުވެފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ ރައީސް ވިދާޅުވީ ގައުމީ ސީނިއަރ ޓީޓީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ކޮލިފިކޭޝަން ފޯރ ލަންޑަން 2026 ވޯލްޑް ކަޕުގައި ވާދަކޮށް، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީޓީ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކުރުމަށެވެ. މި ޓީމުގައި ފާހަގަކޮށްލެވޭ ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްވެސް ހިމެނޭނެ ކަމަށް އޭނާ ވަނީ މައުލޫމާތުދެއްވާފައެވެ.