ޚަބަރު

އެމްއެމްއައި އިން މީޑިއާތަކަށް ވިޔަފާރިއާބެހޭ މަޢުލުމާތު ދިނުން


ވިޔަފާރީގެ ދާއިރާގައި ހުރި ބައެއް ކަންތައްތަކަށް މީޑިއާ އަހުލުވެރިކުމުގެ ގޮތުން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އިސްނަގައިގެން މީޑިއާއަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާވައިފިއެވެ.

ވިޔާފާރީގެ ދާއިރާގައި މަޢުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމުގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް ހަރުދަނާ ކުރުމަށްޓަކައި ޕީއެސްއެމްގެ އެމްއެމްއައި އިން އިސްނަންގަވައިގެން ކެޕިޓަލް މާކެޓް ޑިވެލަޕްމަންޓް އޮތޯރިޓީއާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ގުޅިވަޑައިގެން ބޭއްވި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. 

މި ވަރކްޝޮޕްގައި މީޑިއާގައި މަސައްކަތް ކުރައްވާ ނޫސްވެރިންނާއި، ޕްރޮޑިއުސަރުންނާއި ޕްރެޒެންޓަރުންގެ އިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ މީޑީއާތައް ކިތަންމެ ގިނަވިކަމުގައިވީނަމަވެސް އެތަންތަނުގެ  ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފިގެންދާނީ އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސިކުނޑި މުއްސަނދިވެފައި ހުރި މިންވަރަކުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އެކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަވަނީ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކަމަށެވެ. ސީއެމްޑީއޭގެ ސީއީއޯ އަޙުމަދު ނަސީރު ވިދާޅުވީ މިފަދަ މަސައްކަތު ބައްދަލުވުންތަކުގެ މަޤްސަދަކީ މާލީ ކަންކަމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޢުލޫމާތު ގެނެސްދީ ޢާއްމުން ހޭލުންތެރި ކުރުވުން ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ބުނީ،މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ވިޔަފާރީގެ ދާއިރާއާއި ގުޅުންހުރި ޚަބަރާއި ރިޕޯޓް ގެނެސްދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށެވެ.

އެމްއެމްއައި އިން ދަނީ ކޮންމެ މަހަކު އެއްފަހަރު މިފަދަ މަސައްކަތު ބައްދަލުވުންތައް މީޑިއާއަށް އަމާޒުކުރައްވައިގެން ބާއްވަވަމުންނެވެ. އެއްދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި 12 ފަރާތަކުން ބައިވެރިވިއެވެ.