ކުޅިވަރު

ބްރެޒިލްގެ ކޯޗުކަން އަންޗެލޮޓީއަށް


ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަން ކާލޯ އަންޗެލޮޓީއަށް ދޭން ނިންމައި، އެކަން އިއުލާންކޮށްފިއެވެ. ރެއާލް މެޑްރިޑުގެ ކޯޗުކަމުގައި މިވަގުތު ހުރި އިޓަލީގެ ތަޖުރިބާކާރު ކޯޗު، ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާނީ މި މަހުގެ 26 ވަނަ ދުވަހު މިހާރު ހިނގަމުންދާ ސްޕެއިންގެ ފުޓްބޯޅަ ސީޒަން ނިމުމުންނެވެ.

އޭނާ އަކީ ރެއާލް މެޑްރިޑުގެ އެންމެ ކާމިޔާބު ކޯޗެވެ. ދެ ފަހަރެއްގެ މަތީން އެ ކުލަބަށް ކޯޗުކޮށްދީ އަންޗެލޮޓީ ވަނީ 15 ތަށި ހޯދައިދީފަ އެވެ. އޭނާއާއެކު ރެއާލްއިން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި އަންޗެލޮޓީ މަގާމުން ވަކިވާން ޖެހުނީ މި ސީޒަނުގައި ތައްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުންނެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންޗެލޮޓީ އަކީ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށެވެ. އަދި އޭނާ ވާނީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާ ބިދޭސީ ފުރަތަމަ ކޯޗަށެވެ.

"މިއީ ތާރީހީ ވަގުތު މިއައީ ފުޓްބޯޅައިގެ ދެ އައިކަން އެއްތަންވުމަކުން. ފީފާ ވޯލްޑްކަޕް ފަސް ފަހަރު ހޯދާފައިވާ ހަމައެކަނި ގައުމާއި ޔޫރަޕުގެ މުބާރާތްތަކުގައި އޭނާގެ ރެކޯޑްތަކާ ހަމަހަމަ ނުކުރެވި ހުރި ކޯޗަކީ އަންޗެލޮޓީ،" ބަޔާނުގައިވެ އެވެ.

"ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންޗެލޮޓީއަށް ހޫނު މަރުހަބާއެއް ކިޔަން. އަދި އޭނާއާއެކު މަސައްކަތް ކުރަން އަހަރުމެން މިތިބީ ތައްޔާރަށް. މިއީ ކާމިޔާބީގެ އާ ބާބެއްގެ ފެށުމަކަށް އުއްމީދު ކުރަން،" ބްރެޒިލް ފުޓްބޯޅަ ފެޑަރޭޝަނުގެ ބަޔާނުގައިވެއެވެ.

ބްރެޒިލުން ވަނީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށްވެސް އޭނާގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީން ބްރެޒިލްގެ ގައުމީ ޓީމަށް ކޯޗުކޮށްދޭން އައުމަށް ފުރުސަތު ފަހިކޮށްދިނުމުން ޝުކުރު އަދާކޮށްފައެވެ.

އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމަށް ގެނައުމަށް އެ ގައުމުން މަސައްކަތް ކުރާތާ ދޮޅު އަހަރުވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އަންޗެލޮޓީ ދިޔައީ މިވާހަކަ ދޮގު ކުރަމުންނެވެ. ނަމަވެސް އޭނާ އޭސީ މިލާނުގައި ކޯޗުކޮށްދިން ބްރެޒިލްގެ ކުރީގެ މަޝްހޫރު ފޯވަޑް ރޮނާލްޑޯ މެދުވެރިކޮށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އަންޗެލޮޓީއާ ވަރަށް ގިނަ މަޝްވަރާކޮށްފައެވެ.