ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދައުވަތަކަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ފުރާވަޑައިގެންފިއެވެ.
ވަޒީރު ޚަލީލުގެ މިދަތުރުފުޅުގައި ކުވެއިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.
3 ދުވަހުގެ މި ދަތުރުފުޅުގައި ކުވޭތުގެ މިނިސްޓަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒްއާއި، މިނިސްޓަރ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓަރ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ކުވޭތަކީ ދިވެހިރާއްޖޭއަށް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ޤައުމެކެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑުގެ އެހީ ވަނީ ލިބިފައެވެ. އަދި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަކީ އެ ޤައުމުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ދާއިރާއެވެ.