ބިދޭސީން ފިލުމުގެ މައްސަލަތައް ހުށައަޅާއިރު، ޒިންމާދާރުކަމާއެކީ އެފަދަ މައްސަލަަތައް ހުށައެޅުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.
އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ބިދޭސީ މީހާއަށް މުސާރަނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވުމުން އޭނާ ފިލުމުން މައްސަލަ ހުށައަޅައި ކަމަށެވެ. ނަމަވެސް މިއީ ބިދޭސީ މީހާގެ މައްސަލައެއް ނޫންކަމަށާއި އޭނާ ގެންގުޅޭ މީހާގެ މައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ބަލައި، ވީ ގޮތް ހޯދުމަށް ބޮޑު ޚަރަދެއް ހިނގާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ބިދޭސީން ފިލައިގެން ދިއުމުގެ މައްސަލަތައް ރިޕޯޓުކުރާއިރު، ފީއެއް ލީ ޒިންމާދާރުކަމާއެކީ މައްސަލަތައް ހުށައެޅުމަށް ބާރު އެޅުއްވުމުގެ ގޮތުން ކަމަށެވެ. އެގޮތުން ފީއެއް ހިމެނިފަހުން މިހާރު ޒިންމާދާރު ރިޕޯޓުތައް ލިބެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މައްސަލަތައް އެބަހުރި ލިބިފައި ދެވޭ މުސާރައަށްވުރެ ބޮޑު މުސާރައެއް އެހެން މީހަކު ހުށައެޅުމުން އެބަހުރި ފިލައިގެން ގޮސްފައި. މިއީ ޖެނުއިން މައްސަލައެއް. 1000 ރުފިޔާގެ ޗާޖެއް މި ނަގަނީ ވަރަށް ބޮޑު ޚަރަދެއް ދޭ މިކަންކުރަން. އެހެންވީމަ ބިދޭސީންނާ މެދު ފަރުވާ ކުޑަކުރާ މީހުން ފިލައިގެން ރިޕޯޓުކުރާ މިންވަރު އެބަ މަދުވޭ." ވަޒީރު ވިދާޅުވިއެވެ.
ފިލައިގެންދާ ބިދޭސީންގެ މައްސަލަ ހުށައެޅުމަށް 1000 ރުފިޔާގެ ފީއެއް ނަގައެވެ. ގިނަ ބިދޭސީން ރާއްޖޭގައި ފިލަނީ އެ ފަރާތްތައް ގެންގުޅޭ މީހުން މުސާރަނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވުމުންނެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ މިފަދައިން ބިދޭސީންނާ މެދު ޢަމަލުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ބްލޮކްކުރަން ފަށާފައެވެ. ބްލޮކްކުރުމުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ނުގެނެވޭނެއެވެ.