ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރެވިފައިވާކަމަށާއި، ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި މި ކާރުޚާނާގެ މަސައްކަތް ނިމޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 3 ގުނައަށް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްކިރާ ކާރުޚާނާތަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ތިން ސަރަޙައްދަކީ ގދ. ފިޔޯރީ، ފ. ނިލަންދޫ އަދި ޅ. ފެލިވަރުގައެވެ.
މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، ފިޔޯރީގައި ޤާއިމްކުރާ ފެކްޓްރީއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެކްޓްރީއެއްކަމަށެވެ. އަދި، ޅ. ފެލިވަރު އަދި ފ. ނިލަންދޫގައިވެސް މިފަދަ ފެކްޓްރީތަކެއް ޤާއިމްކުރެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި 3 ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި، ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލްމަހުގެ 8 ވަނަ ދުވަހު ސޮއިކޮށްފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތް މިހާރު މިވަނީ ގާތްގަނޑަކަށް ނިިިމި އީޕީސީ ކޮންޓްރެކްޓްގަިއ ސޮއިކުރުމުގެ ހުއްދަ ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބޭނެކަމަށް މި އުންމީދުކުރަނީ." މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރެވުމާއެކު މި މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ މިނިސްޓްރީއިން މިވަގުރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތްކަމަށް ވުމާއެކު، އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރު މިއޮތް މަސްތަކުގެ ތެރޭގައި މި މަސައްކަތް ފަށާ، ދެއަހަރު ތެރޭގައި މި މަސައްކަތް ނިންމުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ މި." މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންސެޝަނަލް ނުވަތަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކެކެވެ.
މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެއެވެ. މިއީ ރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.