"އޮޅުހިޔާ" އާ ހަވާލުވީ އިރު އެތަން ހުރީ ބުޅާ ގެންގޮސް ބެލެހެއްޓޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށާއި ކަންތައްތައް ފުރިހަމަކުރުމަށްފަހު، ހުރިހާ ބުޅާތައް އެ ފެސިލިޓީއަށް ގެންދެވޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.
ވަޒީރު ޑރ. މަރިޔަމް މާރިޔާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ މާލެ ސިޓީ ކައުންސިލަށް ވަނީ މިދިޔަ ޑިސެމްބަރުމަހު އަންގަވާފައެވެ. އަދި އެތަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 26ގައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ އެތަނާ ވުޒާރާއިން ހަވާލުވީ އިރު އެތަން ހުރީ ބުޅާ ގެންގޮސް ބެލެހެއްޓޭނެ ހާލަތެއްގައި ނޫން ކަމަށާއި، އެހެން ނަމަވެސް ވުޒާރާގެ މުވައްޒަފުންގެ މަސައްކަތުން އެތަނާއި ހަވާލުވިތާ 16 ގަޑިއިރުތެރޭގައި 15 ބުޅާ އެ ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިހާރު މަސައްކަތްކުރަމުންދަނީ އެތަނުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ބުޅަލުގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
"އެއީ ބްރީޑު ކުރުމަށް ނުވަތަ އާލާ ކުރުމަށް ބުޅާ އެތެރެކުރުމަށް ހުއްދަ ދިނުން ހުއްޓާލުމާއި، ޕެޓްގެގޮތުގައި އެތެރެކުރާ ބުޅާ ނިއުޓާ ކުރުމަށް ލާޒިމްކުރުން، މިކަން ކުރެވޭނީ މިހާރު މަޖިލީހަށް ފޮނުވާފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ދުޅަހެޔޮކަމާ ބެހޭ ބިލް ފާސްކޮށް އަމަލުކުރަން ފެށުމުން،" ވަޒީރު ވިދާޅުވިއެވެ.
އޮޅުހިޔާގައި ބުޅާ ބެލެހެއްޓުމަށް ހިނގާނެ ޚަރަދުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ކޮންމެ ބުޅަކަށް އަހަރަކު 5416 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
"ނޮން ރިކަރަންޓު ޚަރަދުގެގޮތުގައި 1.2 މިލިޔަން ރުފިޔާ ޚަރަދުވާނެ، ފެސިލިޓީގައި 2000 ބުޅަލަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދުވާނެ، ކޮންމެ 3 މަހަކުން 3.4 މިލިޔަން ޚަރަދުވާނެ، އަހަރަކު 10.8 މިލިޔަން ރުފިޔާ ޚަރަދުވާނެ،" ވަޒީރު ވިދާޅުވިއެވެ.
އޮޅުހިޔާ ނުވަތަ ބުޅާތައް ބަލަހައްޓާ ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ. މިއީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއާއެކު ބުޅަލުގެ ސަބަބުން ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައިވެއެވެ.