ކޯޕާ އިޓާލިއާ ނުވަތަ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ވަރުގަދަ އޭސީ މިލާން ބަލިކޮށް ބޮލޯނާ އިން ހޯދައިފި އެވެ.
1974 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއް ބޮލޯނާއިން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ބަލި ކުރުމަށްފަހުގަ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ފަސްދޮޅަސް އަށް ހާސް ފަސްސަތޭކަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 53 މިނިޓުގައި ބޮލޯނާ އަށް ކާމިޔާބުކޮށްދީފައިވަނީ ޑޭން އެންޑޯޔޭ އެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއެކު ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުގެ ޖާގައެއް ބޮލޯނާއަށް ވަނީ ކަށަވަރުވެފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބޮލޯނާއިން ވަނީ އޭސީ މިލާނުގެ ގޯލަށް ނުރައްކާތެރި ފަސް ހަމަލައެއް ފޮނުވާލާފަ އެވެ. ނަމަވެސް މިލާނުގެ ގޯލުކީޕަރު މެއިގްނަން ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.
ބޮލޯނާއިން އެންމެ ފަހުން މުބާރާތެއް ކާމިޔާބުކޮށްފައިވަނީ މީގެ 51 އަހަރު ކުރިން ހަމަ މި މުބާރާތެވެ. އަދި 2003 ވަނަ އަހަރަށްފަހު އޭސީ މިލާނަށް އިޓާލިއަން ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ފާއިތުވެދިޔަ ދެ ސީޒަނުގައި ތިން ފައިނަލެއްގައި ކުޅެ ތިން މެޗުންވެސް ބަލިވެފައިވާ ބޮލޯނާގެ ކޯޗު ވިންސެންޒޯ އިޓަލިއާނޯ ބުނެފައިވަނީ މިއީ އެ ޓީމަށް ހައްގު ކާމިޔާބީއެއް ކަމަށާއި މި އަހަރުގެ މުބާރާތުގައި އެ ޓީމުން ރަގަޅު ނަތީޖާތަކެއް ހޯދުމަށްފަހު ފައިނަލުގައި ރަގަޅަށް ކުޅެފައިވާ ކަމަށެވެ.
އިޓަލިއާނޯ ބޮލޯނާގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިދިޔަ ސީޒަނުގައި ކުރިން އެ މަގާމުގައި ހުރި ތިއާގޯ މޮއްޓާ ބޮލޯނާ ދޫކޮށް ޔުވެންޓަސްގެ ކޯޗު ކަމާއި ހަވާލު ވުމުންނެވެ.