ޚަބަރު

ބާ ކައުންސިލު އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފި


  • މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 19އާ ހަމައަށް

  • އެގްރެކެޓިވް ކޮމިޓީގެ މަޤާމުތަކަށް މެމްބަރުން ހޮވާނީ މިމަހުގެ 26

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމުތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި، އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މެއި މަހުގެ 19ވަނަ ދުވަހާއި ހަމައަށެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްރެކެޓިވް ކޮމިޓީގެ މަޤާމުތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މިމަހުގެ 26ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވުމުގެ މުއްދަތު މިމަހުގެ 13ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

ބާ ކައުންސިލުން ވިދާޅުވީ، އިންތިހާބުގައި ވޯޓުލުމަށް ކަނޑައެޅި މުއްދަތުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން، ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު މިމަހުގެ 19ވަނަ ދުވަހުގެ 23:59އަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް، ރަޖިސްޓަރީ ކުރުމަށް ކައުންސިލުން އެދެއެވެ.

ބާ ކައުންސިލުން ވަނީ އީ-ވޯޓިން މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިހާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާނަމަ، އެ ފަރާތްތަކުން ވެސް ފޯމު މެދުވެރިކޮށް މައުލޫމާތު އަދާހަމަކުރުމަށް އެދިފައެވެ.

އަދި އީ-ވޯޓިން މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިހާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާކަށް ނުޖެހޭނެކަމަށްވެސް ބާ ކައުންސިލުން ވިދާޅުވިއެވެ.

އީ-ވޯޓިން މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިހާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު ގެޒެޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.