މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ އަންހެން މީހަކު ފެނުނު މައްސަލައާ ގުޅޭގޮތުން އުފުލާފައިވާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށައަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އަމީނުގެ އިތުބާރު ނެތްކަމުގެ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މައްސަލަ ހުށައެޅުމާއެކު ޖަވާބުދާރީވެވަޑައިގަތުމަށް ވަޒީރު 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު މައްސަލަ ތާވަލުކުރީ މިއަދުއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި މައްސަލާގައި ވަޒީރު މުޙައްމަދު އަމީންގެ މައްޗަށް 7 ތުހުމަތެއް ކޮށްފައިވެއެވެ.
މައްސަލައަށް ޖަވާބުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ކޮށްފައިވާ 7 ތުހުމަތަށް ވަކިވަކިން ޖަވާބުދާރިވެވަޑައިގެންފައެވެ. އަދި 7 ތުހުމަތުވެސް ދޮގު ކުރައްވައި، މި ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަންހެން މީހާ ވެއްޓުނު ހާދިސާގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އެމަނިކުފާނާ ޢައިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެއް ވާކަމަށް ތަޙުޤީޤީ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާ ކަމަށެވެ. އަދި ޢާއިލީ މީހަކުވާކަމަށް އެހެން ގޮތަކުންވެސް މަޢުލޫމާތު ލިބިފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ބުއްދީގެ ހަމަތަކުން ބަލާއިރު، މި މައްސަލައަށް ނުފޫޒުފޯރުވަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަކި ގޮތަކަށް ޢަމަލުކުރުމަށް އެއްވެސް ތަޙުޤީޤީ އިދާރާއަކަށް ނުފޫޒު ފޯރުވާފައިނުވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގައި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް ޣައިރު ޤާނޫނީ ޢަމަލުތަކެއްކޮށްފައިވާކަން މައްސަލާގައި ފާހަގަކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެ ގެއަކީ ހަމައެކަނި އެމަނިކުފާނުގެ ގެއެއް ނޫން ކަމަށާއި އެމަނިކުފާނާ އެއްބަނޑުއެއްބަފާ 3 މީހެއް އެ ގެއަށް ނިސްބަތްވާ ކަމަށެވެ. އަދި ގޭގެ ވެރިންގެތެރޭގައި ގިނަ ބަޔަކު ހިމެނޭއިރު، ވަކި މަޤާމެއްގައި ހުރީތީ، ބަލަދު ނަރާ ބަޔަކު ކުރާ ޣައިރު ޤާނޫނީ ޢަމަލެއްގެ ޒިންމާ ނެގުމަކީ އެއްވެސް އަސާސެއް ހުރިކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަތްތަކުގެ ތެރޭގައި ވަޒީރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅަކު ހިމެނޭކަމަށް ތުހުމަތުކުރާއިރު، އެ ކަން ތަޙުޤީޤީ އެއްވެސް އިދާރާއަކުން ހާމަކުރައްވާފައިނުވާ ކަމަށާއި އަދި އަމިއްލަފުޅަށް އެހެން ދަންނަވާފައިނުވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މައްސަލާގައި ބައެއް މަޢުލޫމާތުތައް ފުލުހުން ހާމަކުރައްވާފައިނުވަނީ އެމަނިކުފާނުގެ ނުފޫޒުންކަމަށްވެސް ތުހުމަތުކުރައްވާފައިވާ ކަމަށެވެ.
"މި ހާދިސާގެ މަޢުލޫމާތު ހާމަކުރިއިރު އަޅުގަނޑުގެ ގޭގެ ނަން ބަޔާންކުރައްވާފައި ނުވާކަން މައްސަލާގައި ބަޔާންކުރައްވާފައިވޭ. މަޢުލޫމާތު ހާމަކުރުމާއި ނުކުރުން އެއީ ފުލުހުންގެ ނިންމުމެއް. ތަޙުޤީޤީ އިދާރާއަކުން ނިންމާނީ. އެއީ އަޅުގަނޑު ބެލުމުގެ ދަށުން ހިންގާ އިދާރާއެއް ނޫން. އޭގެ އެއްވެސް ކަމަކަށް އަޅުގަނޑު ނުފޫޒެއް ފޯރުވާފައެއް ނުވާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މައްސަލާގައި ހިމެނޭ ބައެއް ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ. އަދި ވަޒީރު ދިރިއުޅުއްވާ ގެ މި މައްސަލާއާ ގުޅުން އޮތީތީ، އެ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ބޭނުންނުވާނެކަން ދެންނެވުމަށް ފުލުހުންނަށް ގުޅުއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ފޯނު ކޯލަށް ޖަވާބުދާރިވެވަޑައިގެންފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ގުޅީ ދައުލަތުގެ އިދާރާތަކަށް ފަސޭހަކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމަށް ދެކޭތީ" ވަޒީރު ވިދާޅުވިއެވެ.
ޖަވާބު ނިންމަވާލައްވަމުން ވަޒީރު މުޙައްމަދު އަމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ ހުރިހާ ތުހުމަތަކަށްވެސް އިންކާރު ކުރައްވާފައެވެ. އަދި މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތެއް ނެތް ތުހުމަތުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ހާދިސާ ހިނގިއިރު، ވަޒީރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި މި މައްސަލާގައި 9 މީހަކަށް ތުހުމަތުކުރެވޭއިރު، އޭގެ ތެރޭގައި ވަޒީރު އަމީނާ ޢާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނޭކަމަށް ކުރާ ތުހުމަތުވެސް އެމަނިކުފާނު މިހާރު މިވަނީ ދޮގުކުރައްވާފައެވެ.