ކުޅިވަރު

މިއީ ދޫކޮށްނުލައި ކުރި މަސައްކަތުގެ ނަތީޖާ: ޝާކިއްޓެ


އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ މުބާރާތުގައި ދޫދިނުމެއްނެތި ކުރި މަސައްކަތުގެ ނަތީޖާއިން ކަމަށް ޒުވާން ޓީމުގެ ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

މުބާރާތުގައި ރާއްޖެއިން ވަނީ ގުރޫޕް ސެޓޭޖްގައި އެންމެ ފަހުގެ ޗެމްޕިއަން ބަންގަލަދޭޝް މޮޅިވިޔަ ނުދީ ހިފަހައްޓާ ބޫޓާން އަތުންވެސް ޕޮއިންޓެއް ހޯދާފައެވެ. ޝާކިރު ބުނީ މުބާރާތުގައި ރާއްޖެއިން ފުރަތަމަ ވާދަކުރަން ޖެހުނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ދެ ޓީމާ ދެކޮޅަށް ކަމަށާއި އެ ދެމެޗުން ހޯދި ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އިންޑިޔާގަ ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝާކިރު ބުނީ މުބާރާތުން މިހާތަނަށް ރާއްޖޭ ހޯދި ކާމިޔާބަކީ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭއިން ވަނީ ދުރާލާ ނަވާރަ އަހަރުން ދަށުގެ މުބާރާތް ބާއްވާ ގައުމީ ޓީމު އެކުލަވާލާފައެވެ.

ދޮޅުމަހެއްހާ ދުވަހުގެ ފަރިތަކުރުންތަކަށްފަހު ރާއްޖޭ މުބާރާތައް ދިޔައިރު ޝާކިރު ބުނީ މިފަހަރު ނެރެމުންދާ ނަތީޖާތަކުގެ އަސްލަކީ ޓީމުއެއްކޮށް ފަރިތަކުރަން ލިބުނު ވަގުތުކަމަށެވެ.

"ކުރިން މިވާގޮތަކީ މުބާރާތްތަކާ ހުރެ ގައުމީ ޓީމަށް ކުޅުންތެރިން ލިބެނީ ވަރަކަށް ދުވަހަށް މުބާރާތައް ދަނީ މަދު ޕްރެކްޓިސްތަކެއް ކޮއްގެން، މި ފަހަރު އެއްމަހާ ބައިގެ މުއްދަތަކަށް މުޅި ޓީމުއެއްކޮށް ޕްރެކްޓިސް ކޮއްފި އޭގެ ފައިދާ މި ފެންނަނީ." އިންޑިޔާގެ ހުރެ ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއްގަ ޝާކިރު ބުންޏެވެ.

ޝާކިރު ބުނީ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިޔާ ދެކޮޅަށް ނުކުންނާނީ އެއީ ވަރުގަދަ ޓީމެއްކަން ދަނެގެންކަމަށެވެ. އިންޑިޔާ އަކީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމު ކަމަށާއި އިންޑިޔާ އަތުން މޮޅުވެވޭނީ އޯޕަން ގޭމެއް ނުކުޅެ ދިފާއަށް ވިސްނައިގެން ކަމަށެވެ.

މުބާރާތުގައި އިންޑިޔާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މާދަމާ ރާއްޖެ ގަޑިން އިރު އޮއްސި 7 ޖަހާއިރުއެވެ. މިއީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީގަ ރާއްޖެއިން ވާދަކުރާ ދެވަނަ ފަހަރުއެވެ.