ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ ވަރަށް ފަރިތަނުކޮށް ދަނޑަށް އަރަން ޖެހުން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ސޮބާހު ބުނީ ކިތަންމެ މޮޅު ކުޅުންތެރިންތަކެއް ތިބި ނަމަވެސް މުބާރާތަކާ ކުރިމަތިލުމުގެ ކުރިން އެކަށީގެންވާ ވަރަށް ފަރިތަކުރަން ބޭނުންވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ދެ މެޗު ދޭތެރޭ ލިބޭ މުއްދަތު ކުޑަކަން ފާހަގަކުރަމުން ސޮބާހު ބުނީ ތިން ހަތަރު ދުވަހުން ކުރާ ފަރިތަކުުރުމަކުން ކުޅުންތެރިންގެ އަސްލު ކުޅުން ނުނެރެވޭނެ ކަމަށެވެ.
"ކޯޗުންނަށް މީގަ އިން ޗެލެންޖަކީ އަސްލުގައި ފުޓުބޯޅައިގަ ޕްރެކްޓިސްތަކެއް ކުރުން ވަރަށް މުހިންމު. ނަމުން އަދި ކިތަންމެ ބޮޑުވެފަ އަދި ރަނގަޅު ކުޅުންތެރިންތަކެއް ތިބި ނަމަވެސް އަޅުގަނޑަށް ކޯޗެއްގެ ހައިސިއްޔަތުން އޮތް ޗެލެންޖަކީ އެއީ. ކުޅުންތެރިންގެ ހިތްހަމަޖެހޭ ވަރަކަށް މެކްސިމަމްއެއް ނުނެރެވޭ" ސޮބާހު ބުންޏެވެ.
ސޮބާހު ބުނީ އެހާ ކުރުމުއްދަތެއްގެ ފަރިތަކުރުމުން ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ ފަރާތުން އަދި ފެންނަމުންދަނީ ލަސް ކުޅުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ވަރަށް ސްލޯކޮށް ގޭމްގެ ޓެމްޕޯ ދިޔައީ ދަށްކޮށް" ނިއު ރޭޑިއަންޓުގެ ކުޅުމާ ގުޅޭގޮތުން ސޮބާހު ބުންޏެވެ.
ރަނގަޅަށް ފަރިތަކުރެވޭނަމަ ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަން ރަނގަޅުކޮށް، ކުޅުން އަވަސްކުރެވިދާނެ ކަމަށްވެސް ސޮބާހު ފާހަގަކުރިއެވެ.
އެފްއޭއެމް ލީގު ކަޕުގައި ނިއު ރޭޑިއަންޓުން މިހާތަނަށް ވަނީ ދެމެޗެއް ކުޅެފައެވެ. އެގޮތުން އެ ޓީމުން އެންމެ ފުރަތަމަ ބައްދަލުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެވެ. އެ މެޗު 5-1 ގެ ތަފާތަކުން މާޒިޔާ ކާމިޔާބުކޮށްފައިވާއިރު، ދެވަނަ މެޗުގައި ނިއު ރޭޑިއަންޓުން ނުކުތީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު 4-1 ގެ ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ނިއު ރޭޑިއަންޓުންނެވެ.
އެފްއޭއެމް ލީގު ކަޕުގައި ނިއުރޭޑިއަންޓް ދެން ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.