ޚަބަރު

ޤައުމީ ފެންވަރުގައި މިފަހަރު އަޟްޙާ ޢީދު ފާހަގަކުރާނީ ކެލާ، ކ. ގުރައިދޫ އަދި ލ. ގަމުގައި


  • ދިވެހި ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ޙަރަކާތްތައް ރާވަންޖެހޭނެ

  • ޢީދުގެ 4 ދުވަހަށް ޙަރަކާތްތައް އިންތިޒާމުކުރާނެ

މިއަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ 3 ރަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. އެގޮތުން ކަނޑައެޅި 3 ރަށަކީ، ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަން މި 3 ރަށެވެ.

އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރީލްމަހުގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލުމުން، ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ހޮވާފައިވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ އާއި މާލެ އަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމެވެ.

އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާފައިވަނީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާ" އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތައްކަމަށް ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ ޢީދު ފާހަގަކުރުމަށް ހޮވާ ރަށްތަށް ކަނޑައެޅުމުގައި ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވާފައިވާގޮތަށް ބަލާނެއެވެ. އަދި އެދުވަސްތަކުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނަންއޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލުކުރުމަށްޓަކައި ދިވެހި ސަޤާފަތް ދައްކުވައިދޭ، ޒަމާނުއްސުރެ ދިވެހީން ޢީދުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރު ހިމަނަންޖެހޭނެކަމަށް ރަށްތަށް ހޮވުމުގައި ބަލާ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިދިޔަ އަހަރު އަޟްހާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރީވެސް އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިގެންނެވެ. މިދިޔަ އަހަރު އަލްހާ ޢީދު ފާހަގަކުރީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައެވެ.