މި ސީޒަނަކީ މެންޗެސްޓާ ސިޓީއަށް ބަދުނަސީބު ސީޒަނެއް ކަމަށާއި، އެ ޓީމުގެ ކުޅުންތެރިންނަށް އެ މީހުންގެ އަސްލު ކުޅުން މުޅި ސީޒަނުގައިވެސް ދެއްކިފައިނުވާ ކަމަށް ފޯވާޑް އާލިން ހާލަންޑް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ވިދިވިދިގެން ތިން ފަހަރު އެފްއޭ ކަޕްގެ ފައިނަލުގައި ވާދަކޮށް، ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެ ޓީމަށް ވަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ހިއްލާލުމުގެ ފުރުސަތު ގެއްލިފައެވެ. މިކަމާ ގުޅިގެން ހާލަންޑް ބުނެފަވަނީ މިއީ ބަދުނަސީބު ސީޒަނެއް ކަމަށާއި، ސިޓީގެ ކުޅުންތެރިންނަށް އެ މީހުންގެ އަސްލު ކުޅުން އެއްވެސް ވަރަކަށް މި ސީޒަނުގައި ދެއްކިފައިނުވާ ކަމަށެވެ.
ހާލަންޑް ވަނީ އޭނާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން 2034 ވަނަ އަހަރާ ދަންމާލާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު "ބީބީސީ ސްޕޯޓްސް" އާ ވާހަކަދައްކަމުން ހާލަންޑް ބުނެފަވަނީ އޭނާގެ ޓީމުން ދައްކަމުން އަންނަ ކުޅުން ރަނގަޅު ނޫން ކަމަށާއި، ތައްޓަކާ ހަމައަށް ވާސިލުވުމަށް އެވަރުން ނުފުދޭ ކަމަށެވެ.
"ތަށިތަކެއް ހޯދުމަކީ ވަރަށް މުހިންމުކަމެއް. އެފްއޭކަޕުގެ ފައިނަލު ދެން އޮތީ. މި ސީޒަން މިދިޔައި ވަރަށް ސަކަރާތްކޮށް. އެފްއޭ ކަޕުގެ ފައިނަލާ ހަމައަށް ދެވުނީތީވެސް ޝުކުރުކުރަން" ހާލަންޑް ބުނެފައިވެއެވެ.
ހާލަންޑް ބުނީ ހަތަރު އަހަރު ޕްރިމިއަރ ލީގުގެ ތަށި ހިއްލާލުމަށްފަހު، ފަސްވަނަ ފަހަރު ތަށި އަތުން ބީވާން ދިމާވުމަކީ ސީޒަން ބަދުނަސީބުވުމުގެ ފެށުން ކަމަށެވެ. އެކަން އެހެން ދިމާވީ ޓީމުގެ އެންމެންގެ ސަބަބުން ކަމަށާއި، އެކަށީގެންވާ ވަރަށް ކުޅުންތެރިންނަށް މަސައްކަތްކުރެވިފައިނުވާ ކަމަށް އޭނާ ގަބޫލުކުރާކަމަށްވެސް ވަނީ ބުނެފައެވެ.
"ލީގުގައި ދެއްކުނީ އެންމެ އެދެވޭ ކުޅުމެއް ނޫން. އެހެން ނަމަވެސް ދެން އޮތް އުންމީދަކީ އެންމެން މަސައްކަތްކޮށް ޗެމްޕިއަންސްލީގަށް ކޮލިފައިވުން" ހާލަންޑް ބުންޏެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ސިޓީން ނުކުންނަން ތައްޔާރުވަމުން އަންނައިރު، ހާލަންޑް ބުނީ ޓީމުގެ ގިނަ ކުޅުންތެރިތަކަކަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި، އެކަމަކު އެއީ ބަހަނާއެއް ކަމަށް ނުހަދާނެ ކަމަށެވެ. ވަކިވަކި ކޮންމެ ކުޅުންތެރިއެއްގެ ކުޅުންވެސް ގޯސް ކަމަށާއި، ކުޅުން ރަނގަޅުނުކުރެވޭނަމަ ތައްޓަކާ ހަމައަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.
ނޯވޭއަށް ނިސްބަތްވާ ހާލަންޑް ވަނީ މިސީޒަނުގައި 21 ލަނޑު ޖަހާދީފައެވެ. އެހެންނަމަވެސް މާޗު މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާވާނި ދުވަސްކޮޅަށް ކުޅުމާ ދުރުގައި ހުންނަންޖެހިފައެވެ.
"ވަރަށް އުނދަގުވޭ ކުޅުމާ ދުރުގަ ހުންނަން ޖެހުމުން. އެހެންނަމަވެސް ރިކަވަރީއަށް ވަގުތުދީ އަވަހަށް އަނިޔާއިން ފަސޭހަވާން ބޭނުންވި. މިހާރު މިހިރީ ވަރަށް އެނާރޖީއާއެކު ތައްޔާރަށް" އަނިޔާއިން ފަސޭހަވެ ދަނޑަށް އަރަން ތައްޔާރުވެފައިވާ ހާލަންޑް ބުނެފައިވެއެވެ.
އެފްއޭ ކަޕުގެ ފައިނަލްގައި ސިޓީން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ވެމްބްލީ ސްޓޭޑިއަމްގައި މި މެޗުކުޅުމަށް ހަމަޖެހިފައިވާއިރު، މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން އެރޭ 8:30 ގައެވެ.