ޚަބަރު

އަލް އިއްތިހާދުން ސައުދީ ލީގު 10 ވަނަ ފަހަރަށް ކާމިޔާބުކޮށްފި


ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން އަލް އިއްތިހާދުން 10 ވަނަ ފަހަރަށް ހޯދައިފިއެވެ.

އަލް އިއްތިހާދުން ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ބާކީ ދެ މެޗު ކުޅެން އޮއްވާ ރޭ އަލް ރައީދް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރާ 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި ނަތީޖާ އާއިއެކު އަލް އިއްތިހާދަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 77 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލަށް 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރަށް 31 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.

ސައުދީ ލީގުގެ އެއްވަނަ އަދި ދެވަނައަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ އެލީޓް ލީގުން ފުރުސަތު ލިބޭއިރު ތިންވައަށް ދާ ޓީމަށް ފުރުސަތު ލިބޭނީ ޗެމްޕިއަންސް ލީގު ދޭކުންނެވެ. އަދި ހަތަރުވަނައަށް ސަރަހައްދީ މުބާރާތުން ފުރުސަތެއް ނުލިބޭނެ އެވެ.

ރަށުން ބޭރުގައި އަލް އިއްތިހާދު ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި އަލް ރައިދްގެ ގޮންޒާލޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 20 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ ސްޓީވެން ބާރޖްވިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޑެނީލޯ ޕެރޭރާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް އަލް އިއްތިހާދަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި އަލް އިއްތިހާދު އިން ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަބްދުއްރަހުމާން އަލް އުބުދް އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން ލައުރެން ބްލޮންކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އިއްތިހާދު އިން ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު މި މަހުގެ 30 ވަނަ ދުވަހު އަލް ގަދްސިއާ އާއި ދެކޮޅަށް ކިންގްސް ކަޕްގެ ފައިނަލުގައި އަލް އިއްތިހާދު އިން ކުޅޭނެ އެވެ.

އަލް އިއްތިހާދު އަށް ކުޅޭ ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ކެޕްޓަން ކަރީމް ބެންޒޭމާ އާއި އެންގޯލޯ ކާންޓޭ އާއި ސްޕެއިންގެ އުނެއި ހަނާންޑޭޒްގެ އިތުރުން ބްރެޒިލްގެ ފަބީނިއޯ ހިމެނެ އެވެ.