ސްޕެނިޝް ލީގުގައި ރޭ އެސްޕަނިއޯލްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މެޗަށް ނިކުތްއިރުވެސް އެންމެ ޕޮއިންޓެއް ހޯދައިގެން ލީގު ޗެމްޕިއަންކަން ބާސެލޯނާއަށް ލިބޭނެ އެވެ. ނަމަވެސް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 36 މެޗުން 85 ޕޮއިންޓް ހަމަވެފަ އެވެ. އަދި ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެންވެސް ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބޭނީ 84 ޕޮއިންޓެވެ. އެ ޓީމަށް މިހާރު ލިބިފައިވަނީ 78 ޕޮއިންޓެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ދަނޑު ބޭރުގައި ސަޕޯޓަރުންގެ ގައިގައި ކާރަކުން ޖެއްސުމާއި ގުޅިގެން 13 މީހަކަށް އަނިޔާވެފައިވާތީ މެޗުގެ ކުރިން ވަގުތީ ގޮތުން ރެފްރީ ވަނީ މެދު ކަނޑާލާފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާތީ އަލުން މެޗުގެ ކުޅުން ވަނީ ފަށާފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް މުޅި މެޗުގައިވެސް ބާސެލޯނާއިން ވަނީ މެޗު ކޮންޓްރޯލްކޮށްގެން އެސްޕަނިއޯލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ހޯދި މި މެޗުގައި ގިނަ ބައެއްގެ ލޮލުގައި އަނެއްކާވެސް އަޅައިގެންފައިވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ އުމުރުން 17 އަހަރުގެ ލަމީން ޔަމާލް އެވެ.
މެޗުގެ 53 ވަނަ މިނިޓުގައި ބާސެލޯނާގެ ފުރަތަމަ ގޯލު އޭނާ ކާމިޔާބުކޮށްދީފައިވާއިރު ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި އޭނާ ދިން ޕާހަކުން ފާރމިން ލޮޕޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި ލަމީން ޔަމާލް ލަލީގާގައި ޖެހި 8 ވަނަ ލަނޑެވެ. އަދި އޭނާ ވަނީ އިތުރު 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ލަމީން ޔަމާލް ބާސެލޯނާއަށް މިހާތަނަށް ކުޅެދިން 104 މެޗުގައި އޭނާ ވަނީ 24 ގޯލު ޖަހާފަ އެވެ. އަދި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު 19 މެޗުގައި ވަނީ 4 ގޯލު ޖަހާފަ އެވެ. އަންނަ ހޫނު މޫސުމުގައި އުމުރުން 18 އަހަރު ފުރޭ ލަމީން ޔަމާލް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ލަލީގާ އާއި ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މި މެޗުގެ 80 ވަނަ މިނިޓުގައި އެސްޕަނިއޯލްގެ ޑިފެންޑަރ ކަބްރޭރާ އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން ފަހު ދިހަ މިނިޓު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ބާސެލޯނާ އިން ލަލީގާ ކާމިޔާބުކޮށްފައިވާއިރު އެ ޓީމުން ވަނީ ކޮޕާ ޑެލްރޭގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕްވެސް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ކޯޗު ކަމާއި ހެންސީ ފްލިކް ހަވާލުވި ފުރަތަމަ ސީޒަނުގައި ސްޕެއިންގެ ތިން މުބާރާތް ކާމިޔާބުކޮށްފައިވާއިރު އެ ޓީމުން ވަނީ ވާދަވެރި ރެއާލް މެޑްރިޑް ހަތަރު ފަހަރު މަތިން މި ސީޒަނުގައި ބަލިކޮށްފަ އެވެ.
ބާސެލޯނާ އިން ވަނީ ލަލީގާގެ ޗެމްޕިއަންކަން މިހާތަނަށް 28 ފަހަރު މަތިން ހޯދާފަ އެވެ.