ފީފާގެ ކޮންގްރެސް ފަށަން އޮތް ގަޑިއަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހާޒިރުވެފައިނުވާތީ، ޔުއެފާގެ ރައީސްގެ އިތުރުން ޔޫރަޕުގެ ބައެއް ފުޓްބޯޅަ އެސޯސިއޭޝަންތަކުން އެ ކޮންގްރެސް ބޮއިކޮޓް ކޮށްފިއެވެ.
ފިފާގެ ކޮންގްރެސް ފަށަން އޮތް ގަޑިއަށްވުރެ ދެ ގަޑި އިރާއި 17 މިނިޓު ފަހުން އިންފަންޓީނޯ ކޮންގްރެސް ބާއްވާ ހޯލަށް އައުމާއިއެކު ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިންގެ އިތުރުން ޔޫރަޕްގެ ބައެއް ފުޓްބޯޅަ ފެޑަރޭޝަން ތަކުގެ ވެރިން ވަނީ ކޮންގްރެސް ބާއްވަމުންދިޔަ ހޯލުން ނިކުމެވަޑައިގެންފަ އެވެ.
ޕެރަގުއޭ ގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސް އަށް އިންފަންޓީނޯ ލަހުން ވަޑައިގެންފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މެދު އިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅާއި ގުޅިގެން އެ އެފަރާތްތަކާއިއެކު ބާއްވަން އޮތް މަޝްވަރާ ބައްދަލުވުންތަކާއި ގުޅިގެންކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
ޔޫއެފާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ކޮންގްރެސް އަށް ގަޑިއަށް އެ އިދާރާގެ ރައީސް އަށް ވަޑައިނުގެންނެވުމުން ކަންތައްތަކެއް ހާމަވެގެންދާ ކަމަށާއި އެންމެ ފަހު ވަގުތު އެޖެންޓާ އާއި ވަގުތަށް ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ފީފާގެ ކޮންގްރެސް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މުހިންމު ބައްދަލުވުން. އެއީ ދުނިޔޭގެ 211 މެމްބަރު ގައުމުގެ ފުޓްބޯޅައިގެ ވެރިން އެއްވެ ފުޓްބޯޅަ އާއި ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ނިންމާ ބައްދަލުވުމެއް." ޔޫއެފާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފީފާގެ ކޮންގްރެސް ބޮއިކޮޓް ކޮށް ނިކުތް މެމްބަރުންގެ ތެރޭގައި އިނގިރޭސި އެފްއޭގެ ރައީސް އާއި ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ އިތުރުން ކޮންކާކަފް އަދި ކެރީބިއަން ގެ ފުޓްބޯޅަ ފެޑަރޭޝަންތަކުގެ ވެރިން ހިމެނެއެވެ.
މި މައްސަލަ އާއި ގުޅޭ ގޮތުން އިންފަންޓީނޯ ވިދާޅުވެފައިވަނީ އޭނާ އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައިވަނީ ފުޓްބޯޅަ އާއިލާ ތަމްސީލު ކުރުމުގެ ގޮތުން މުހިންމު މަޝްވަރާތަކެއް ދުނިޔޭގެ ލީޑަރުންނާއިއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އިންފަންޓީނޯ ވަނީ ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އާއި ޑޮނަލްޓް ޓްރަމްޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.