ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފެށިތާ އަހަރެއްގެ ތެރޭގައި 2 މިލިޔަން ކިލޯގެ ކާގޯ އުފުލާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތަކީ މި ސަރުކާރުން ރާއްޖޭގައި މުޅިން އައު ޚިދުމަތެއްގެ ގޮތުގައި ފެށި ޚިދުމަތެކެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް އަހަރެއްގެ ތެރޭގައި މީގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 2 މިލިޔަން ކިލޯގެ މުދާ އުފުލުމާއި ގުޅިގެން އެމްއޭސީއެލްއިން ވަނީ އެ ކާމިޔާބީ ފާހަގަކޮށްފައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
Our Cargo Services marked the achievement of a significant milestone — handling 2 million kg of sea-to-air cargo in under a year — with a ceremony attended by our CEO & MD Mr. Ibrahim Shareef Mohamed, DMDs, and executives. During his speech, the MD highlighted the dedication of… pic.twitter.com/XHKBQDNoqH
— Maldives Airports Company Ltd (@MACLmedia) May 15, 2025
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ކާގޯ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުންނަށާއި އަދި މި މސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ. ސީ-ޓު-އެއަރ ކާގޯ މިމަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އެމްޕީއެލްއިން ތަޢާރަފްކުރީ މިއަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ފޮނުވީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މުދާ ފޮނުވޭ ގައުމުތަކުގެތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތައް ހިމެނެއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް އާއްމުކޮށް ރާއްޖޭން ބޭރުކުރަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.