ޚަބަރު

ނިމުނު ހަފްތާ: ގިނަ މަޢުލޫމާތުތަކެއް ހާމަކޮށް، މުހިންމު ބިލުތަކެއް ފާސްކޮށްފައިވޭ


  • ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" ރައީސް އިފްތިތާޙުކޮށްދެއްވި

  • ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ކުލަ ގަދަކޮށް ފާހަގަކުރި

  • ކުޑަކުދިންނަށް ޚާއްސަ ޑެބިޓް ކާޑެއް ބީއެމްއެލުން ތަޢާރަފްކުރި

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން އަޒްމިރާލްދާއާއި މަހާޒް ވަކިކުރި

ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ ސަރުކާރުން ގިނަ ކަންތައްތަކެއް އިޢުލާންކުރެއްވި އަދި ސިޔާސީ ދާއިރާއިން ވެސް ގިނަ ކަންތައްތަކެއް ހިނގި ހަފުތާއެއްގެ ގޮތުގައެވެ.

ނިމުނު ހަފްތާގައި ހިނގާދިޔަ މުހިއްމު ކަންތައްތަކުގެތެރޭގައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވުން ފާހަގަކޮށްލެއެވެ. މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ.

ޤައުމީ ފެންވަރެއްގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައިވަނީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ. ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރުންގެ 5 ވަނަ އަހާ ފޯރަމް:

މި އަހަރުގެ ފުރަތަމަ އަހާ ފޯރަމްވެސް ބޭއްވީ ނިމުނު ހަފުތާގައެވެ. އަހާ ފޯރަމްގައި ގިނަ ކަންތައްތަކެއް ވަޒީރުން އިޢުލާންކުރައްވައި، ގިނަ މަސައްކަތްތަކެއްގެ އަދާހަމަ ޙިއްސާކުރެއްވިއެވެ.

ފޯރަމްގެ ތެރެއިން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާފައިނުވާކަން ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމް ހާމަކުރެއްވިއެވެ. އަދި ފިޔޯރީގައި ޤާއިމުކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް 2 އަހަރު ތެރޭގައި ނިމޭނެކަން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިޢުލާންކުރެއްވިއެވެ. އަދި ކޫޑިގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ދިރާސާތައް ހަދަމުންދާކަން ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރަމަށް ހަމަޖެހިފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ. އަދި ސަރުކާރުން އިސްކަންދެއްވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަތުމަށް ކަމަށާއި އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ހައްލުކުރުންކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާއަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ޚަބަރުތަކެއް ލިބުނު ހަފުތާއެކެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ވަކިކުރެއްވުމެވެ. އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރެއްވީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަޤުލަބިއްޔަތުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނުގެ އިތުބާރު އޮތްކަމަށްވެސް މަޖިލީހުން ފާސްކުރީ ނިމުނު ހަފުތާގައެވެ. އަދި މުހިންމު ބިލުތަކެއްވެސް މަޖިލީހުން ފާސްކުރެއްވިއެވެ. އޭގެ ތެރޭގައި ޖެނެރޭޝަނަލް ބޭން ގެނައުމަށް އިސްލާހު ހުށައަޅާފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބިލާއި ކައުންސިލަރުންގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން، ހުސްވާ މަޤާމަށް ބައި-އިލެކްޝަން ނުބޭއްވުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. އަދި ބޮޑެތި އަދަބުތަކާއެކު ހުށައަޅާފައިވާ ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލާއި އޭޖީ އޮފީސް ސިވިލް ސަރވިސްއިން ވަކިކޮށް، ވަކި ޚިދުމަތަކަށް ހަދުމަށް ހޫށައެޅި ބަންޑާރަ ނައިބުގެ އޮފީހުގެ ބިލުވެސް ފާސްކުރައްވާފައިވެއެވެ. މުހިންމު ބިލުތަކެއް ފާސްކުރުމަށްފަހު މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ ނިމުނު ބުރާސްފަތި ދުވަހުއެވެ.

އެކި މަޤާމުތަކަށް އައްޔަންކޮށްފައިވާ މީހުންނަށް ބަލާލާއިރު، މަޖިލީހުން ފާސްކުރެއްވުމާއެކު ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ ޢައްޔަންކުރެއްވީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. އަދި މަޖިލީހުން ފާސްކުރެއްވުމާއެކު ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިޟްވާން ޢައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އިޤުތިޞާދާއި ވިޔަފާރި:

އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާ ސަރުކާރުން ރާއްޖެއަށް 50 މިލިޔަން ޑޮލަރުގެ އެހީއެއް ދިނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. ސަޕޯޓްގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެކުމުގެ މުއްދަތު އިންޓަރެސްޓަކާ ނުލައި އިތުރުކޮށްފައިވެއެވެ.

ހަމައެއާއެކު ނ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށީ ނިމުނު ހަފުތާގައެވެ. ނ އަތޮޅުގެ އިތުރުން ދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ސަރުކާރުން ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ޑެބިޓް ކާޑެއް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ތަޢާރަފްކޮށްފައިވަނީ ނިމުނު ހޮނިހިރު ދުވަހުއެވެ. މި ކާޑު ތަޢާރަފުކުރީ މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންނެވެ.

އެހެނިހެން ޚަބަރުތައް:

ނިމުނު ހަފުތާގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، މާރިޗު މަހެކޭ އެއްގޮތަށް އޭޕްރީލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާކަން ސަރުކާރުން އިޢުލާންކުރެއްވީވެސް ނިމުނު ހަފުތާގައެވެ. އަދި ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ނަޒީރު އަވަހާރަވީވެސް ނިމުނު ހަފުތާގައެޗެ.

މީގެ އިތުރުން ޙައްޖު މޫސުން ގާތްވަމުންދާއިރު، ޙައްޖުވެރިންގެ ޑެބިޓު ކާޑުގެ ލިމިޓު 2000 ޑޮލަރަށް އިތުރުކޮށްދިނުމަށް ރައީސް ނިންމެވީވެސް ނިމުނު ހަފުތާގައެވެ. އަދި މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން ނިމުނު ހަފުތާގައި ވަނީ އިޢުލާންކޮށްފައެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ އިޖުތިމާޢީ، ސިޔާސީ، އިޤުތިޞާދު އަދި ވިޔަފާރީގެ ދާއިރާއިން ތަފާތު ކަންތައްތަކެއް ހިނގާދިޔަ ހަފުތާއެއްގެ ގޮތުގައެވެ.