ޚަބަރު

އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވުން މުހިންމު


ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނދު މޫސުމުގެ ވިއްސާރަކަމަށާއި މިދުވަސްކޮޅު މި ވިއްސާރައިގެ ބާރު ގަދަވެ، ވައިގަދަވެ އަދި ވާރޭވެހުން އިތުރުވެފައިވާ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. އަދި އުދައެރުންވެސް ގުޅިފައިވަނީ މި ވިއްސާރައާކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.

ހުޅަނގު މޫސުމަކީ ވައިގަދަވުމާއި ގިނައިން ވާރޭވެހުން ޢާންމު މޫސުމެކެވެ. އަދި ބައެއް ދުވަސްވަރު ގުގުރުމާއެކު ވައިގަދަވެ ބޯކޮށް ވާރޭވެހޭ ޙާލަތު ކޮންމެ އަހަރަކުހެން ހުޅަނދު މޫސުމުގައި ދިމާވެއެވެ. މި ދުވަސްވަރަކީ، މިގޮތަށް ހުޅަނގު މޫސުމުގައި ވައިގަދަވެ ވިއްސާރަ ވިލާތައް އުފެދުން އިތުރުވެ ވާރޭވެހެމުންދާ ދުވަސްވަރެކެވެ.

އިއްޔެ ރާއްޖޭގެ ގިނަ ސަރަޙއްދުތަކަށް އެންމެ ދިޔަވަރު ބޮޑުވީ މެންދުރުފަހު ގާތްގަނޑަކަށް އެކެއްޖަހާ އެހާކަންހާއިރުގައެވެ. އަދި ރޭގަނޑުވެސް މެންދަމު އެކަކާ ދެއަކާ ދެމެދުގައެވެ. އިއްޔެ މެންދުރުފަހު ދިޔަވަރު އެންމެ ބޮޑުވި ވަގުތު ވަނީ މާލޭގެ ލޮނުޒިޔާތްކޮޅުގެ ސަރަޙައްދަށް ކޮންމެވެސް ވަރަކަށް ރާޖުޅަހައި އެއްގަމަށް ލޮނުއަރައިފައެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށަށަށްވެސް މިގޮތަށް ރާޅުގެ ލޮނުގަނޑު އެއްގަމުގެ ތަންކޮޅަކަށް އަރާފައިވެއެވެ. އެހެންނަމަވެސް މީހަކަށް ކަމެއް ވީކަމުގެ ރިޕޯޓެއްވެސް އަދި ފާހަގަކުރެވޭ އެހެން ގެއްލުމެއްގެ ރިޕޯޓެއްވެސް ލިބިފައެއް ނުވެއެވެ.

img:http://s4.psmnews.mv/images/660x400/14691164529828.jpg|މާލޭގެ ލޮނުޒިޔާރަތްކޮޅު ސަރަހައްދަށް އުދައަރަނީ- ފޮޓޯ: ޕީއެސްއެމް

އުދައެރުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުމުން ސަލާމަތްވުމުގެ ގޮތުން ރަށުތެރެއަށް ލޮނުގަނޑު ވަދެ، ގޭގެއަށް އަސަރުކޮށްފާނެ ފަދަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވެލިބަސްތާ ތައްޔާރުކޮށްފައި ބެހެއްޓުމަށާއި، މުދަލާއި އެހެނިހެން ސާމާނު ރައްކާތެރި ތަންތަނަށް ބަދަލުކުރުން ފަދަ ކަންކަން ކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގެ ދިފާޢީ ބާރުން ވަނީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން މީހުންނާއި މުދަލަށް ރައްކާތެރިވެވޭގޮތަށް ނޫނީ ދަތުރުނުކުރުމަށް އިލްތިމާސްކުރައްވައި އެކަމާބެހޭ އިރުޝާދުދެއްވާފައެވެ. މޯލްޑިވްސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވިގޮތުގައި، ދިޔަވަރު ބޮޑުވާ ވަގުތު ކޮންމެ ސައުވީސް ގަޑިއިރަކުން 45 މިނިޓެއްހާއިރު ތަފާތުވާނެއެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު އެންމެ ބޮޑުވާ ވަގުތު ބައެއް ސަރަޙައްދުތަކަށް އުދަ އަރަނީ، ދިޔަވަރު އެންމެ ބޮޑުވާ ވަގުތާ ދިމާވާގޮތް އެއް ދިމާއަކުން ގިނައިރު ބާރަށް ވައިޖެހޭގޮތް ދިމާވުމުންނެވެ. އަދި މިހެން ދިމާވުމުން، ކަނޑުގައި އުފެދޭ ރާޅުބާނި އުސްވެ، އައްސޭރިފަށަށް އެ ބާނި އަންނަ ދުވެލި ހަލުވިވެއެވެ. މިގޮތަށް ދިމާވުމުން، ވިއްސާރައިގެ ބާރު އެންމެ ގަދަ ސަރަޙައްދުތަކުގައި ހުންނަ، ޢާންމުކޮށް މިފަދަ ޙާލަތުގައި ރާޅު ނުވަތަ އުދައަރާ ރަށްރަށަށް އެކަމުގެ އަސަރުކުރާކަން މޫސުމާބެހޭ އިދާރާއިން ފާހަގަކުރައްވައެވެ.

ރާއްޖޭގެ އިތުރަށް އަވައްޓެރި އިންޑިއާއާއި ސްރީލަންކާގެ ބައެއް ސަރަޙައްދުތަކަށްވެސް މި ދުވަސްވަރު ހަޅަނގު މޫސުމުގެ ވިއްސާރަކުރަމުން އެބަދެއެވެ. އެހެންނަމަވެސް އެ ޤައުމުގެތަކުގެ ރާއްޖެ ހިމެނޭ ސަރަޙައްދުތަކަށް ވިއްސާރަކުރާ މިންވަރަށްވުރެ ރާއްޖެއާ ދުރު ބައެއް ހިސާބުތަކަށް ވިއްސާރަކުރާ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ބާރުގަދަވެފައިވަނީ މެދުރާއްޖެ ތެރެއާއި އެންމެ ދެކުނަށެވެ. އެންމެ ވައިގަދައީ އުތުރުން ބަޔަކާއި މެދުރާއްޖެތެރެއަށެވެ. ދެކުނުގެ އަތޮޅުތަކަށް ޢާންމު ގޮތެއްގައި ގަޑިއަކު ހަމޭލާއި 16 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭއިރު، މެދުރާޖެތެރޭގެ ސަރަޙައްދަށް ތޭރަ މޭލާއި ވިހިމޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރައްވައެވެ.

މި ވިއްސާރައަކީ އާދަޔާޚިލާފު ވިއްސާރައެއް ނޫންކަމަށާއި ކޮންމެވެސް ވަރަކަށް ކުދިކުދި ކޮޅިގަނޑު އުފެދުނުނަމަވެސް މިއީ ތޫފާނެއްގެ ވިއްސާރައެއް ކަމަށް ނުބެލެވޭކަމުގައި މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.