ޚަބަރު

މުބާރާތަކަށް ކުރާ ކަމެއްގެ ބަދަލުގައި ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ އާދައަކަށް ހެދުން މުހިންމު: ވަޒީރު އާދަމް ޝަރީފް


  • މި ސަރުކާރުން ޤުރުއާން ކިޔަވަން ދަސްކޮށްދޭން ގިނަ މަސައްކަތްތަކެއްކުރަމުންދާކަމަށް ވިދާޅުވި

  • މުބާރާތްތަކަށް ތައްޔާރުވާއިރު، ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުމުގެ އާދަ އަށަގަންނަވަންޖެހޭކަމަށް ވިދާޅުވި

މުބާރާތަކަށް ކުރާ ކަމެއްގެ ބަދަލުގައި ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ އާދައަކަށް ހެދުން މުހިންމުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް 1446 ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ދީނީ ކަންކަމަށް ހޭލުންތެރިކުރުމަށް ސަރުކާރުތަކުން ކުރައްވާފައިވާ މަސައްކަތްތަކާއެކު ސްކޫލް މަދަރުސާތަކުގެ އިތުރުން ޤުރުއާން ކިޔަވައިދޭ ކުލާސްތައްވެސް ކޮންމެ ރަށެއްގައިވެސް މިހާރު ހިންގަން ފަށާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މުބާރާތަކަށް ތައްޔާރުވުމަށް ޤުރުއާން ކިޔެވުމުގެ ބަދަލުގައި ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ އާދައަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ތުއްތު ކުދިން ޤުރުއާން މުބާރާތްތަކަށް ތައްޔާރުވަމުންދާއިރު، ކޮންމެ ދުވަހަކުމެ ޤުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވުމަށް ކޮންމެ ބެލެނިވެރިއަކުވެސް މަސައްކަތްތަކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި ބޮޑު އިޖުތިމާޢީ ބަލުމަޑުކަމެއް އެބައޮތް. އިޖުތިމާޢީ ގިނަ މައްސަލަތައް އެބަހުރި. އެހެންކަމުން ޤުރުއާނާއި ރަސޫލާގެ ސުންނަތާ އެއްގޮތަށް ދިރިއުޅުން ބައްޓަަންކުރުމަށް ތުއްތު ކުދިން ތަރުބިއްޔަތުކުރަން ޢަޒުމް ކަނޑައަޅަންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

973 ކުދިން ބައިވެރިވި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް 1446 ކުރިއަށް ގެންގޮސްފައިވަނީ، 3 އުމުރުފުރާއަކަށް ބަހާލައިގެނެވެ.

ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވުމުގެ މުބާރާތުން ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ އަދި މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނައަށް ހޮވުނު ކުދިންނަށް ހަނދާނީ ލިއުމާއި ޓްރޮފީއާއި އިނާމު ވަނީ ހަވާލުކޮށްފައިވެއެވެ.