ތުރުކީވިލާތުން ބޮޑު ގޭސް ވަޅެއް ފެނިފައިވާ ކަން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ހާމަކުރައްވައިފިއެވެ. އެ ގޭސް ވަޅު ފެނިފައި ވަނީ ތުރުކީވިލާތުގެ އުތުރު ފަރާތު އައްސޭރިފަށުން ކަޅު ކަނޑުންނެވެ. އުރްދުޣާން ވިދާޅުވީ، އެ ގޭސް ވަޅު ފެނިފައި ވަނީ ތެލާއި ގޭސް ހޯދުމަށް ކުރަމުން ދިޔަ ދިރާސާތަކެއްގެ ތެރެއިން ކަމުގައެވެ.
އެ ވަޅުގައި 75 ބިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ހުރި ކަމުގައި ވެސް އުރްދުޣާން ވިދާޅުވިއެވެ. "އެ ގޭސް ވަޅު ފެނުމާ އެކު ކުރިއަށް އޮތް 3 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ތުރުކީވިލާތުގެ ގެދޮރަށް ބޭނުންވާ މިންވަރަށް ގޭސް ލިބިގެން ދާނެ،" އެ ޤައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށް، އިސްތަންބޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިއެވެ.
ތުރުކީވިލާތުން ފެނިފައިވާ ގޭސް ވަޅަށް ދީފައިވާ ނަމަކީ 'ގޮކްތެޕޭ-3'އެވެ. 30 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ގޭސް ވަޅު ފެނިފައި ވަނީ ބިމުގެ ސަތަހައަށް ވުރެ 3,500 މީޓަރު އަޑިން ކަމުގައި އުރްދުޣާން ވިދާޅުވިއެވެ. ކަޅު ކަނޑުގައި 'ސަކާރިޔާ'ގެ ނަން ދީފައިވާ ގޭސް ވަޅެއް ވެސް އޮވެއެވެ. އެ ތަނުން ތުރުކީވިލާތުން ދުވާލެއްގެ މައްޗަށް 9.5 މިލިޔަން ކިޔުބިކް މީޓަރުގެ ގޭސް އުފައްދައެވެ. ތުރުކީވިލާތުން އައު ގޭސް ވަޅެއް ފެނިފައި މި ވަނީ، އެ ޤައުމުގެ ހަކަތައިގެ ދާއިރާ އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ތުރުކީވިލާތުގައި ބޭނުން ކުރާ ހަކަތައިގެ %90 ހޯދަނީ ބޭރުން އިމްޕޯޯޓު ކުރާ ވަސީލަތްތަކުންނެވެ. ނަމަވެސް، ހަކަތަ އުފެއްދުމަށް ކުރާ އިމްޕޯޓުގެ މިންވަރު މަދު ކުރުމަށް އެ ޤައުމުގެ ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ހަކަތަ އުފެއްދުމަށް ބޭރުގެ އިމްޕޯޓުތަކަށް ބަރޯސާވުން ކުޑަކޮށް، ހަކަތައިގެ ދާއިރާއިން ބޭރު ޤައުމުތަކާ އެކު އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް ވެސް އުރްދުޣާންގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.