ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ސީނިއަރ އެތުލީޓުންނަށް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ރާއްޖޭގައި މިހާރަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކުރަން ޖެހޭ ކަމަށް ގައުމީ ސީނިއަރ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު ހުސެއިން ހަލީމް ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ކޯޗު ހުސެއިން ބުނީ މީގެ އަހަރުތަކެއް ކުރިން މުބާރާތްތަކުގައި ބައިވެރިވި ގޮތާއި ހިލާފަށް މިހާރު ބައިވެރިވަނީ އަބަދުވެސް މެޑަލެއް ގެނައުމަށް ކަމަށާއި، އެ ޓާގެޓް ކަނޑައަޅައިގެން ކަމަށެވެ.
"މިހާރު މިދަނީ ޓާގެޓެއް ކަނޑައަޅައިގެން އެ ޓާގެޓް ރީޗް ކުރަން. އެގޮތަށް ޓްރޭނިންތަކާއި އެއްޗެހި މި ބައްޓަން ކުރަނީ. މިހާރު ހުރި ފެސިލިޓީސްތަކުން ވާވަރެއް މިހާރު މިކުރަނީ. ދެން އެބަ ބޭނުންވޭ ބައެއް ފެސިލިޓީސްވެސް ފިސިއޮތެރަޕީއާއި ރިކަވަރީއާއި އިންޖަރީވެއްޖެއްޔާ ކަންކަންކުރާނެ ގޮތާއި މިކަންކަން އައިސްގެން އަަޅުގަނޑުމެންނަށް ދެން އޮތް ހަރުފަތަށް އެރޭނީ" ހުސެއިން ބުންޏެވެ.
ރާއްޖޭގެ ޤައުމީ އެތުލީޓުން ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި، ސީނިއާ ލެވެލްގައި އަބަދުވެސް ޓާގެޓް ކުރަނީ މެޑަލްއަށް ކަމަށް ކޯޗު ހުސެއިން ބުންޏެވެ. އަދި ރާއްޖޭގައި އެންމެ އެކަށީގެންވާ ވަސީލަތްތައް މަދުކަން ފާހަގަކޮށް އޭނާ ބުނީ އެތުލީޓުންނަށް ބޭނުންވާ މުހިންމު ވަސީލަތްތަށް ޤާއިމު ކުރެވެން ޖެހޭކަމަށެވެ. އޭގެތެރޭގައި އަނިޔާއެއްވެއްޖެނަމަ ރިކަވަރީއަށް މުހިންމު ވަސީލަތްތަށް ރާއްޖޭގައި ހުންނަޖެހޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.
ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނެސް މިހާރު އަމަލުކުރަންފަށާފައިވާ އައު ޤާނޫނުގެ ދަށުން މިފަދަ ވަސީލަތްތައް ޤާއިމުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ އެތުލީޓުންގެ ފެންވަރު މަތިކުރުމަށް އިތުރު ވަސީލަތްތަކާއެކު ކުޅިވަރު ފަނޑުގެ އެހީގައި މަތީ ފަންތީގެ ޓްރޭނިން ފުރުސަތުތައްވެސް ފަހިވެގެންދާނެއެވެ. ހަމައެއާއެކު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތައް އިތުރު ކުރުމަށް ފަންޑު ހޯދުމުގައި ކުރިޔަށްވުރެ ބޮޑަށް ފަސޭހަވެގެންދާނެ އެވެ.