ޚަބަރު

ބޭނުމަކީ ކަސްރަތުގެ ތެރޭގައި ކުދިން ގެންގުޅުން: ހާނިމް


"ހެލްތީ ކިޑްސް ފޯ ފިއުޗަރ" ގެ ނަމުގައި ކުރިޔަށް ގެންދިޔަ އިންވެންޓަކީ ތުއްތު ކުދިން ހެލިފެލުވެ އުޅެން ބޮޑަށް އާދަކުރުމާއި، އުފަލާއި މަޖަލާއި ހިތްހަމަޖެހުމާއި އެކުގައި ކަސްރަތުގެ ތެރޭގައި ކުދިން ގެންގުޅުމުގެ ބޭނުމުގައި ބޭއްވި އިވެންޓެއް ކަމަށް އެކަމުގައި އިސްކޮށް އުޅުއްވި ސީނިއާ އެތުލެޓިކްސް ކޯޗު މުހައްމަދު ހާނިމް ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ހާނިމް ބުނީ އެފަދަ ހަރަކާތްތަކުން ކުދިންނަށް ހެލިފެލިވެ އުޅެން އާދަވުމުގެ އިތުރުން ބައިވަރު މޮޓޯ ސްކިލްސް ދަސްވާނެ ކަމަށެވެ. އަދި ދުވުމާއި، އުކުމާއި ހިފުން ފަދަ ކަންކަން ދަސްވާނެ ކަމަށާއި، މިކަމުގެ ސަބަބުން ތުއްތު ކުދިންގެ ހެދިބޮޑުވުމަށް ހެޔޮ އަސަރު ކުރާނެ ކަމަށް ހާނިމް ފާހަގަ ކުރިއެވެ.

"ކޮންމެހެން ޓްރެކެއްގައި ވަށައިގެން ނުދުވިޔަސް ކަސްރަތެއްގެ ސިފައިގައި އެ އިވެންޓްތަކުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގެ ތެރެއަށް އެ ކުދިން ވަދެގެން މިދަނީ. ޖުމްލަގޮތެއްގައި އެ ކުދިން ހެލިފެލިވެ އުޅެން އާދަކުރުމާއި ކޮންމެ ހާލަތެއްގައި ހުރި ކުއްޖަކަށްވެސް އެ ކުއްޖަކަށް ކުރެވޭ މިންވަރަކުން ކުރެވޭ ގޮތަށް ކުޅިވަރުތަކެއް ބައްޓަންކޮށްފައި ހުންނާނީ" ހާނިމް ބުންޏެވެ.

"ހެލްތީ ކިޑްސް ފޯ ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދިޔަ އެތުލެޓިކްސް ކުޅިވަރުތަކަކީ ކްލަބް ރޭސާސް އިން ކުޅިވަރު ވުޒާރާއި، އެތުލެޓިކްސް އެސޯސިއޭޝަނާއި ޔުނިސެފް ގުޅިގެން 7- 12 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ އިވެންޓެކެވެ.

ހޮނިހިރު ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި މި އިވެންޓްގައި ޖުމްލަ 250 ކުދިން ބައިވެރިވެފައިވެއެވެ. އަންނަ އަހަރުވެސް މި އިވެންޓް މޭ 10 ގައި ބާއްވާނެ ކަމަށް ހާނިމް ބުންޏެވެ. މި އިވެންޓްގައި ތުއްތު ކުދިންނަށް އެތުލެޓިކްސް ހަރަކާތްތައް ދަސްކޮށްދިނުމަށް ރާއްޖޭގެ މަޝްހޫރު އެތުލެޓިކްސް ކޯޗުންނާއި އެކި އެސޯސިއޭޝަންތަކުގެ ތަޖްރިބާކާރު އެތުލީޓް ޓްރޭނަރުން ހަރަކާތްތެރިވިއެވެ.

މީ އެތުލެޓިކްސް އެސޯސިއޭޝަނަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން ކުރިޔަށް ގެންގޮސްފައިވާ އިވެންޓަކަށްވާއިރު، ސަރުކާރުން، ވަކިން ހާއްސަކޮށް ކުޅިވަރާއި ބެހޭ ވުޒާރާއިން މި އިވެންޓަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާފައިވާކަމަށް މި ހަރަކާތުގައި އިސްކޮށް ހަރަކާތެރިވި ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަމަށްޓަކައި ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއުއަށް ޝުކުރު ދަންނަވާފައިވެއެވެ.

ހަރަކާތްތެރި ދުޅަހެޔޮ ޖީލެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ. އަދި މިއީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.