ޚަބަރު

ޙައްޖު ރިޒާވް ކޯޓާ ބޭނުންކުރަނީ އުސޫލާ އެއްގޮތަށް، އެއީ ސަރުކާރުން ބޭނުންވާގޮތަށް ބޭނުންކުރާ ޖާގައެއް ނޫން: ކޯޕަރޭޝަން


  • ޙައްޖަށްދާ ޢުމުރުން 65 އަހަރުގެ މީހުންގެ އެހީތެރިންގެ ޖާގައަކީ ރިޒާވް ކޯޓާގެ ބައެއް

  • ހައްޖު މިޝަންއާއި އެހީތެރިންގެ ގޮތުގައި ދާ ހުރިހާ މީހުންގެ ކޯޓާއަކީ ރިޒާވް ޖާގަ

  • ސަރުކާރު އިދާރާތަކަށް ވަކި އިންސައްތައެއް ކަނޑައަޅަން އުސޫލުގައި ބަޔާންކޮށްފައިވޭ

ޙައްޖު ކޯޓާގައި ހިމެނޭ ރިޒާވް ޖާގައަކީ ސަރުކާރުގެ ބޭނުމަށް ބޭނުންކުރާ ޖަގަތަކެއް ނޫންކަމަށާއި ޙައްޖަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލުގެ ދަށުން ދޫކުރަން އޮންނަ ޖާގަތަކެއްކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯޕަރޭޝަނުން މިހެން ވިދާޅުވެފައި މިވަނީ ބައެއް މީޑިއާ ތަކުގައި ޙައްޖު ކޯޓާގެ ތެރެއިން ދޫކުރާ ރިޒާވް ޖާގަތަކާއި ގުޅިގެން ޙަގީގަތާއި ޚިލާފު ޚަބަރުތަކެއް ދައުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޙައްޖު ކޯޕަރޭޝަނުން ޙައްޖާއި ގުޅުންހުރި ކަންކަން އިންތިޒާމުކުރަނީ ޙައްޖު އަދި ޢުމްރާގެ ޚިދުމަތް ދިނުމާއި ބެހޭ އުސޫލުގެ ދަށުންނެވެ. މިއުސޫލުގައި ޙައްޖަށް ގެންދިޔުމަށް ސަޢުދީ ޢަރަބިއްޔާއިން ފޯރުކޮށްދޭ ކޯޓާއަށް މީހުން ހަމަޖެއްސުމުގައި ޢަމަލުކުރަން ޖެހޭގޮތްވަނީ ބަޔާންކޮށްފައެވެ. މިގޮތުން ކޮންމެ އަހަރެއްގެ ޙައްޖު ކޯޓާގައި ރިޒާވްގެ ގޮތުގައި ޙައްޖަށް ދިޔުމުގެ ފުރުސަތު ލިބިދޭ ފަރާތްތައް ހިމެނެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރިޒާވް ކޯޓާގެ މާނައަކީ ސަރުކާރުގެ ބޭނުންވާގޮތަށް ހަމަޖެއްސުމަށް އޮންނަކަމެއް ނޫންކަމަށެވެ. އުސޫލުގައި ޙައްޖުގެ ރިޒާވް ޖާގަތަކަށް މީހުން ގެންދާނެގޮތް ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކާއެކު ޙައްޖުގެ އަޅުކަމަށް އޭނާގެ އެހީތެރިއެއްގެ ގޮތުގައި ޢާއިލާއިން މީހަކު ދާންޖެހޭކަމަށާއި، އެއީ ޙައްޖުގެ ރިޒާވް ތެރެއިން ހަމަޖައްސާ ޖާގަތަކެއްކަމަށް ޝަކީލް ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ފަޤީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތައްވެސް ޙައްޖަށް ގެންދަނީ ރިޒާވް ކޯޓާގެ ތެރެއިންކަމަށެވެ.

"އެބަދޭ 70 އަހަރުން މަތީގެ މީހުން. އުސޫލުގައި އޮންނަ ގޮތުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް އެހީތެރިއެއް ގެންދަން މަޖުބޫރުވާނެ. އެކަމަކު އެއީ އެމީހާގެ ޒިންމާއެއް އެމީހާއަށް ފައިސާ ދެއްކުމަކީވެސް. އޭގެތެރެއިންވެސް ރިޒާވްގައި އެބަ ހިމެނޭ." ޝަކީލް ވިދާޅުވިއެވެ.

ޙައްޖަށް މީހުން ގެންދިޔުމާއި ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާގޮތުން ރާއްޖެއަށް ލިބޭ ކޯޓާގެ ދަށުން، ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެފައިވާ ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކަށްވެސް ވަކި އިންސައްތައެއްގެ ޖާގަ ދޭންޖެހެއެވެ. ޝަކީލް ވިދާޅުވީ މިޖާގަތަކަކީވެސް ޙައްޖުގެ ރިޒާވް ޖާގައިން ދޫކުރާ ޖާގަތަކެއްކަމަށެވެ.

މީގެއިތުރުންވެސް ޙައްޖު މިޝަންގައި ހިމެނޭ މެނޭޖްމެންޓްގެ ބޭފުޅުންނާއި، ޙައްޖުވެރިންނަށް އެހީތެރިވުމަށް ސަޢުދީއަށް ދާ ފަރާތްތަކާއި، ޙައްޖުވެރިންނަށްޓަކައި ގެންދާ ޑޮކްޓަރާއި ނަރުހުންނާއި އަދި އިދާރީ މުވައްޒަފުންނާއި ކައްކާއާއި އެހީތެރިންގެ ގޮތުގައި ގެންދާ ފަރާތްތަކަކީވެސް މިރިޒާވްގެ ތެރެއިން ގެންދާ މީހުންކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖަށް މީހުންގެ ގެންދިޔުމުގެ ކަންކަން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރައްވަމުންދާކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މިގޮތުން ޙައްޖަށް މީހުން ގެންދާ ގޮތުގެ ތަފްސީލު މިއަހަރު ރާއްޖޭއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕް ފުރާ ދުވަހު ހާމަކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން މިއަހަރު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ހުރިހާ ފަރާތަކަށްވެސް ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.