ކ.ގުޅީ ބިން ހިއްކުމުގެ މަޝްރޫގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.
ކ. ގުޅީއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެވަޢުދުފުޅާ އެއްގޮތަށް ގުޅީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ. އެމްޓީސީސީން ވިދާޅުވީ، މި މަސައްކަތުގެ ދަށުން ބިންހިއްކުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.
އެގޮތުން އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއްކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން ގުޅީގައި 10.15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
Pledged by H.E. President Dr. Mohamed Muizzu and officially commenced on April 7, 2025, the K. Gulhi Land Reclamation Project has now reached 95% completion.
— MTCC Plc (@MTCCPlc) May 13, 2025
This transformative project will add 10.15 hectares of new land to K. Gulhi, opening up vital space for housing, public… pic.twitter.com/xXAQt7vmRZ
ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މަރޗްމަހުއެވެ. މިމަޝްރޫޢާއެކު ގުޅީގެ ބިން 2 ގުނައަށް އިތުރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.
ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އެފަހަރު ދޫކޮށްފައިވަނީ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ގުޅީގެ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި ގުޅީގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން އެ ރަށުގައި އެބަ ތިއްބެވެ. ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށަށް އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެކަންވެސް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. މިއީ 83 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.