ޚަބަރު

ކުޅިވަރު ޤާނޫނުން ޤައުމީ އެންޓި ޑޯޕިންގ އެޖެންސީ ވަކި މުސްތަޤިއްލު މުއައްސަސާއަކަށް!


އިސްލާހުކުރެވުނު ކުޅިވަރު ޤާނޫނުގެ ދަށުން "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އަށް ފުރިހަމަ ބާރުވެރިކަން ލިބި ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށޭނެ މަގު ތަނަސްވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޅިވަރު ޤާނޫނަށް އިސްލާހުގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ "ޔުނެސްކޯ ކޮންވެންޝަނާއި ވޯލްޑް އެންޓި ޑޯޕިން ކޯޑާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި ޤާއިމުކުރެވިފައިވާ މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އަށް މުސްތަގިއްލުކަން މިޤާނޫނުގެ ތެރެއިން އެބަ ކަށަވަރުކޮށްދޭ" ކަމަށެވެ.

އަދި އޭގެ ސަބަބުން ކުޅިވަރުގެ ޑިސިޕްލިންގ ރަނގަޅު ކުރުމުގައި ވަރަށް ބޮޑަށް އެބަ ބާރު އެޅިގެންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ ކުރިން އެންޓި ޑޯޕިން އެޖެންސީ ހިންގަމުން އައި ގޮތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ "މިހާތަނަށް ހަމަ ކުޑަކުޑަ ޑެސްކެއް ޤާއިމުކުރެވި އާދައިގެ ގޮތަކަށް މި ހައިސިއްޔަތު ދެވިފައިވާ ފަރާތެއް، އެހެންނަމަވެސް މިހާރު މުސްތަގިއްލުކަން ދެވުނީމަ އޭގެ ސަބަބުން ކުޅީވަރުގެ ޑިސިޕްލިން ރަނގަޅު ކުރުމުގައި ވަރަށް ބޮޑަށް ބާރުއެޅިގެންދާނެ" ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި އެންޓި ޑޯޕިން އެޖެންސީގެ ޚިދުމަތް ދިނީ ކުޅިވަރު ވުޒާރާގެ ޑެސްކަކުންނެވެ. އެހެންނަމަވެސް މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އެ އެޖެންސީ ހިންގުމަށް ޤާނޫނުން ބާރުވެރިކަން ދިނުމާއެކު މި ގެނެވުނު ބަދަލަކީ ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގައި މުހިންމު ފިޔަވަޅަކަށް ވާނެކަމަށް ސަރުކާރުން ދެކެއެވެ.