ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު އާބިޓްރޭޝަނެއް އުފައްދަނީ


ކުޅިވަރުގައި ބޭއިންސާފުން ދިމާވާ ކަންކަމަށް ހައްލު ހޯދުމަށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކުޅިވަރު އާބިޓްރޭޝަން ޤާއިމްކޮށް ޢަމަލުކުރުމުގެ ބާރު ކުޅިވަރު ޤާނޫނުން ދީފިއެވެ.

ކުޅިވަރު ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު އާބިޓްރޭޝަނެއް އުފެއްދުމަށް ކުޅިވަރު ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ ކުޅިވަރު އޮނިގަނޑުގައި މީގެކުރިން އެފަދަ ކަންކަން ބަލައި އިންސާފު ހޯދޭނެ ނިޒާމެއް ނޯވެއެވެ. އެފަދަ މައްސަލަތަކުގައި ހައްލު ހޯދުމަށް މީގެ ކުރިން ދިވެހިން ހޯދަން ޖެހުނީ ރާއްޖޭން ބޭރުގެ އެހީތެރިކަމެވެ. އަދި އެހެނިހެން ޝަރުއީ މައްސަލަތަކެކޭ އެއްގޮތަށް ކޯޓުތަކަށް އެފަދަ މައްސަލަތައް ހުށަހަޅައިގެން ދިގުލައިގެންދާ މައްސަލަ އަކީ ކުޅިވަރު އާއިލާއަށް ދިމާވެފައިއޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް ރާއްޖޭގައި ކުޅިވަރަށް ހާއްސަ އާބިޓްރޭޝަން އިދާރާއެއް ޤާއިމުކުރެވިގެން ދިއުމާއެކު މިކަމަށް ވަރަށް ބޮޑު ތަކްލީފެއްލިބި އިންސާފު ހޯދުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެއެވެ.

ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމާއި، ކުޅިވަރު ކްލަބްތަކާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި، ރެގިއުލޭޓްކުރުމުގައި ހުރި ޤާނޫނީ ފުށޫއެރުންތައް ހައްލުކުރުމުގެގޮތުން، އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ތަފްޞީލުކޮށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، ކުޅިވަރާބެހޭ ވަޒީރުގެ ދައުރާއި މަސްޢޫލިއްޔަތު ޤާނޫނުން އެކަށައެޅިއިރު ހުރި ތަޢާރުޒުތަކަށް މި ޤާނޫނުން ވާނީ ހައްލު ހޯދައިދީފައެވެ.