ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު މަންޒިލުގެ ގޮތުގައި އަބަދުވެސް ބޭއްވުމަށް ބޭނުންނަމަ، ފަހުގެ ޓްރެންޑްތަކާއި ޓެކްނޮލޮޖީތަކަށް އަހުލުވެރިވާންޖެހޭކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓުން އިސްނަގައިގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގުރާމެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ޕަޓީނާ ރިސޯޓުން އިސްނަގައިގެން ކުރިއަށްގެންދިޔަ ތަމްރީންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޒުވާނުންތަކެއް ނެރެވޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ތަމްރީންތައް ލިބިގަނެ، ދަސްކުރުމަށާއި އައު ކަންކަމަށް އަހުލިވެރިވެ، ޒަމާނާ އެއްގޮތަށް ކަންކަން ބައްޓަންކުރުން މުހިންމު ކަމަށެވެ. އަދި ބަދަލުވަމުންދާ ދުނިޔޭގެ ޓްރެންޑްތަކާއި ޓެކްނޮލޮޖީތަކަށް އަހުލުވެރިވުން މުހިންމުކަމަށް ވިދާޅުވިއެވެ. އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖެ ދެމިއޮންނާނީ އޭރުންކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.
"އަބަދުވެސް އިތުރަށް ކަންކަން ދަސްކޮށް، މިހާރަށްވުރެ މޮޅަށް ކަމެއް ކުރެވިދާނެކަމަށް ޤަބޫލުކުރަންޖެހޭ. މިއީ ފަތުރުވެރި އެންމެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމިއޮވެވޭނެ ގޮތަކީ. ރާއްޖެ މަޝްހޫރު ވަނީ ދިވެހިންގެ ހިންހެޔޮ އަދި ފުރިހަމަ މެހެމާންދާރީގެ ސަބަބުން" ވަޒީރު ވިދާޅުވިއެވެ.
ޕަޓީނާ ރިސޯޓުން ކުރިއަށްގެންދިޔަ ތަމްރީންތައް ފުރިހަމަކުރި 12 ދަރިވަރަކު ދަސްވެނިވިއެވެ. މި ތަމްރީންތައް ފުރިހަމަކުރުމަށްޓަކައި 3 އަހަރު ދަރިވަރުން ހޭދަކުރިއެވެ. އެގޮތުން 6 ދަރިވަރަކު ރޫމް ސަރވިސްގެ ދާއިރާއިން ތަމްރީންވިއިރު، ބާކީ 6 ދަރިވަރުން ތަމްރީންވީ ފުޑް އެންޑް ބެވެރެޖްގެ ދާއިރާއިންނެވެ.
މިއީ ޑިޕްލޮމާ ފެންވަރުގެ ތަމްރީންތަކެކެވެ. މި ތަމްރީންތައް އެކްރެޑިޓްކޮށްފައިވަނީ ސްވިޓްޒަލޭންޑްގެ އީއެޗްއެލް ހޮސްޕިޓަލިޓީ ބިޒްނަސް ސްކޫލްއިންނެވެ.